top of page
  • صورة الكاتبMiro

ޒިންމާ ނަގާނީ ކާކު؟

تاريخ التحديث: ٢٧ يناير ٢٠١٩


ލ ގަމު ހަވިއްތަ / ތަސްވީރު މިރޯ

"ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ.

ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން މީހުން އައިސް ހަދަތެވެ. ނަމަވެސް އެއްވެސް މީހަކު އަހަރެންގެ އާދޭހުގެ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. ހާލުބަލާލާކަށް ވެސް ބޭނުމެއް ނުވެއެވެ. އަހަރެންގެ ހާލު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ހިމާޔަތެއް ދޭނީ ކާކުހެއްޔެވެ. ވަށައިގެން ވިނަ ހެދި ނެވާނުލެވޭވަރަށް ވަނީ ވަކި ހިއްޕާލާފައެވެ. މިއަދު އަހަރެންނާ ދޭތެރޭ ތިޔަހެން ފަރުވާ ކުޑަ ނުކުރާށެވެ. އަހަރެން ނެތިދާ ދުވަހަކުން ކަލޭމެން ހިތާމަ ކުރާނެކަން ޔަޤީނެވެ."

ހަވިއްތަ ކައިރީ ހުންނަ ޒިޔާރަތް / ތަސްވީރު މިރޯ

ތާރީޚީ ތަރިކައަށް އިޙުމާލުވެވިގެން ނުވާނެއެވެ. އަނިޔާ ކުރެވިގެން ނުވާނެއެވެ. އެނގޭހެއްޔެވެ. މިފަދަ ދުވަސްވީ އާސާރުތައް ފަރުވާލެއްނެތި ދޫކޮށްލެވުމަކީ ހަޤީގަތުގައި ދެވޭ ވަރަށް ބޮޑު އަނީޔާއެކެވެ. ވެވޭ އިޙްމާލެކެވެ. އެނގޭގޮތުގައި ދުވަސްވީ އާސާރު ތަކަކީ ޙިމާޔަތް ކުރެވިގެންވާ ތަންތަނެވެ. ނަމަވެސް ހިމާޔަތް ކުރުމަކީ އެކަމުގެ ޒިންމާ ބޮލުއަޅާއިގެން ހުންނަ މީހާ އެހެން ބުނެލުން ތޯ އެވެ. ނުވަތަ ފޮތެއްގައި އެވާހަކަ ޢިބާރާތް ކޮށްލުން ތޯއެވެ.


އަހަރުތަކެއް ކުރިން ހައްތެލި ހުންނަ ސަރަހައްދު ހިމާޔަތް ކުރުމަށް ހޮޅިތަކެއް ޖެހުނެވެ. މިހާރުވެސް ބައެއް ހޮޅި ފެންނަން އެބަހުއްޓެވެ. ބެއެއް ހޮޅިތައް ފަނާވެ ހިނގައްޖެއެވެ. ހައްތެލި ހުންނަ ހިސާބަށް ރާޅު ޖަހަން ފެށުމުން ދެން ގިރާލަފާނެހެން ހީވީމާ ދެފަހަރެއްގެ މަތިން ހައްތެލީގެ އިރުން ތޮއްޓެއް ލެވުނުކަން ފާހަގަ ކުރަމަވެ. އެހެންނަމަވެސް ވޭތުވެ މިދާ ފަހުގެ ތާރީޚެއްގައި އެސަރަހައްދު ހިމާޔަތް ކޮށް ބެލެހެއްޓުމުގެ ނަމުގައި ބިންހިމަ ގަހެއްގެ މިންވަރުވެސް އުފުރާލެވިފައެއް ނުވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ތަންތަނަށް ވަދެ ނިކުމެވޭ ގަޑިތަކެއް، ބަލާހެދެންޖެހޭ ގޮތްތަކެއް ކަނޑައެޅި އޮންނަން ޖެހެއެވެ. ހައްތެލި ބަލަން ދާހާމީހަކު ދުވެއަރާ، ފުންމާކުޅެ، ކޮނެހަދާ ފަސްފޫންޏަކަށް ހެދިގެން ނުވާނެއެވެ. މިފަދަތަންތަން ބަލަހައްޓާނޭ މީހުން ލެވިފަވެސް ތިބެން ޖެހެއެވެ. ނަމަވެސް ނަތީޖާއަކަށް ވެގެންދާތަން ފެންނަނީ އިޙުމާލުވެވުމެވެ. ހަޤީގަތުގައި މިފަދަ ކަންކަން ކުރާނެ މީހުން ވަނީ އައްޔަން ކުރެވިފައެވެ. ޒިންމާ ނުނަގަނީއެވެ. ރަށްފުށުގެ ކަންކަން ބަލަހައްޓަން ތިބޭ އިސްމީހުން މިފަދަ އާސާރުތައް ސާފުކޮށް، ހަލާކުނުވެ ހުންނާނޭހެން ހިމާޔަތާއިއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ޢަދާކުރަން ޖެހޭ ޒިންމާއެކެވެ.


ހައްދުންމަތީ ގަމު މުކުރިމަގު އަވަށު ހުންނަ ހައްތެލި (ހަވިއްތަ) މިހާރު ހުރީ ކިހިނެއްހެއްޔެވެ. ފެންނަނީ އެއްވެސް ފަރުވާލެއް ނެތި ދޫކޮށްލެވިފައިވާ ތަނެވެ. މުޅި ހައްތެލި މަތީގައި ވިނަހެދި ކުނިގަނޑަކަށް ވެެއްޖެއެވެ. ސާފުކޮށްލާނެ އަތެއްނެތެވެ. މިމަންޒަރު ފެންނަ ލޮލެއްވެސް ނެތެވެ. ހަވިއްތަގެ އިތުރުން މި ހިސާބުގައި ޒިޔާތެއްވެސް ހުންނާނެއެވެ. އެތަން ފެންނާނީ މިހާރު ވަރަށް އުނދަގުލުންނެވެ. ވިނަބޯވެ މުޅި ހިސާބު ވަނީ ވިނަވެފައެވެ. އިހުގައި މިބުނާ ޒިޔާރަތް ހުންނާނީ ވަރަށް ރީތިކޮށް ބިސްތާނު ހެދިފައެވެ. އަޅާނުލާ ދޫކޮށްލެވުމުގެ ސަބަބުން މިހާރު އެއީ ޒިޔާރަތެއްކަން އެނގެނީވެސް ކިރިޔާއެވެ. މުޅި ދިވެހި ރާއްޖޭގައިވެސް މިހެން އަޅާނުލެވި ހުރި ކިތަންމެ އާސާރު ތަކެއް އެބަހުއްޓެވެ. ބައެއް އާސާރުތަށް އަހަރުމެންގެ އިހުމާލުން ވަނީ ނެތި ފަނާވެފައެވެ.


އަހަރަކު އެއްފަހަރު ނަމަވެސް ދުވަހެއް އިންތިޒާމުކޮށް ކައުންސިލު ފަދަ ޢިދާރާއަކުން މިފަދަކަމަކާ އުޅުނިއްޔާވާނީ ކީއްހެއްޔެވެ. ކުރާނީ ކީއްތޯއެވެ !!! "ބުރަކަމުން ނޭވާވެސް ނުލެވެނީއެވެ." އެއާއި އެކު ދަޢުރު ނިމޭއިރު ކޮށްދެވޭ ކަމެއްވެސް ޙަރާމެވެ.


ހައްތެލި ކައިރީ ހުންނަ ޒިޔާރަތް / ތަސްވީރު މިރޯ


ހައްތެެލި ހިމާޔަތް ކުރަން ޖެހި ހޮޅިތައް ހަލާކުވެފައި

٩٣ مشاهدة٠ تعليق

Comentários


bottom of page