top of page
  • صورة الكاتبMiro

މަލާމާތާއި ފުރައްސާރައިގެ ހާއްޔަކަށް ބަސްޖަގަހަ!



މީސްމީޑިއާގެ އެއް މަންސަ ކަމުގައިވާ ފޭސްބުކް މިހާރު މިވަނީ ދިރިއުޅުމުގެ އެއް އަސާސް ކަމުގައި ވެފައެވެ. ވަކި އުމުރެއް ނެތި ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އިހްތިޔާރު ކުރަނީ ފޭސްބުކެވެ. ބައެއް ބޭފުޅުން ފޫހިފިލުވައިލާ ރައްޓެހިންނާ ވާހަކަ ދައްކައިލުމަށް ފޭސްބޫކް ބޭނުން ކުރާއިރު އަނެއްބަޔަކު ވިޔަފާރި ކުރުމަށާއި ތައުލީމާއި މައުލޫމާތު ހޯދުމަށް ބޭނުން ކުރެއެވެ. އެކި ފާޑުފާޑުގެ ސޮފުހާތަކާއި އޮޅިތައް އެހައިމެ ގިނައެވެ.


އެގޮތުން އަޅުގަނޑަށް ވެސް ވަރަށް ކަމުދާ ސޮފުހާއެއް ފެނިގެން ޒިޔާރަތްކޮށް އެ ސޮފުހާގެ މެންބަރަކަށް ވީމެވެ. އުފަލާއެކީ ދަންނަވާނީ އެސަފުހާގެ ތެރެއިން ވަރަށްގިނަ މައުލޫމާތު ލިބި ތައުލީމީ ގޮތުން ފުންނާބު އުސް ބޭފުޅުންނާއި، އުސްތާޒުންނާއި ދިމާވިއެވެ. އެބޭފުޅުންނާއި ރަނގަޅު ގުޅުމެއްވެސް މިއަދު މިވަނީ ގާއިމު ކުރެވިފައެވެ. މިއީ އަޅުގަނޑަށް އެސޮފުހާއިން ލިބުނު ފައިދާއެވެ. އަގުހުރި ފިލާވަޅެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ.


ސޮފުހާގައި މެންބަރުން ވަރަށް ގިނައެވެ. ދިވެހި ބަހާ އަދަބިއްޔާތަށް ލޯބިކުރާ އެކި އުމުރުގެ ބޭފުޅުންނެވެ. ނަމަވެސް ހިތާމައަކީ، ކަންބޮޑުވާން ޖެހޭ ސަބަބަކީ މި ސޮފުހާގެ މަގުސަދު އޮޅި މިއަދު މިވަނީ މަލާމާތާއި ފުރައްސާރައިގެ ހާއްޔަކަށް ވެފައެވެ. އެއްވެސް ފަރުވާއެއް ނެތި ފާޅުކުރާ ނައްސި ހިޔާލުތަކުން ފުރިފައިވާ ވެށްޓަކަށް ވެފައެވެ. ރަނގަޅުގޮތް ބުނެދިނުމެއް ނެތި މީހުންގެ ކުށް ފާޅުކޮށް މަލާމާތް ކުރަނީއެވެ. ފަހަރެއްގައި މިއީ ގަނާކުރުމެއް ކަމުގައިވެސް ވެދާނެއެވެ.


އާދެ! ޝައްކެއް ނެތެވެ. ކުށް ބުނެވެއެވެ. ކުށް ލިޔެވެއެވެ. އެކަން ފާހަގަވާ ހިނދު ނޭނގޭ މީހުނަށް ބުނެދިނުމަކީ އެނގޭ މީހުންގެ މައްޗަށް ވާޖިބެކެވެ. އެނގޭ މީހުން ބުނެދޭ ހިނދު ނޭނގޭ މީހުން ގަބޫލު ކުރުމަކީ އެމީހުންގެ މައްޗަށް ލާޒިމުކަމެކެވެ. ގަބޫލު ކުރަމެވެ. އޮންލައިން މަޖައްލާތަކުގައި އަތުކުށާއި، ފަރުވާކުޑަވުމުގެ ސަބަބުން ޖެހޭ ކުށާއި އަދި އަދަބީ ކުށް ގިނައެވެ. ކަންމިހެން އޮތް އިރު އެފަދަ މަޖައްލާއަކުން ފެންނަ ކުށް ފެންމަތިކޮށް، މާލާމާތައި ފުރައްސާރަކޮށްގެން އެއްވެސް މީހަކަށް ކުރިއެރުމެއް ލިބޭނެހެއްޔެވެ؟ މިފަދަ ކުށް ފާހަގަ ކުރާއިރު ރަނގަޅުގޮތް ފާހަގަ ކުރުމާއިއެކު ޝާއިއު ކުރާނަމަ، ފެންނަ މީހުނަށްވެސް ގައިމު އޭގެ ރަނގަޅުގޮތް އެނގި އެކަންކަން އިސްލާހު ކުރުމަށް ފުރުސަތު ލިބިގެން ދާނެއެވެ.


ކަމެއްގައި ކުރި އަރައި ދާން ބޭނުންވާނަމަ މަލާމާތާއި ފުރައްސާރައިން ދުރުހެލިވެ، ހެޔޮގޮތް ބުނެދިނުމުގައި ދެމިތިބޭށެވެ. އޭރުން އިސާހިތަކު ހެޔޮ ބަދަލެއް ލިބި ނަތީޖާ ބަދަލުވެދާނެއެވެ.
١٥ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page