top of page
  • صورة الكاتبMiro

މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް



ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ.


ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ ނަމަ، އަތިރިއަށް ދެވޭވަރަށް ވުރެ އަނދިރި ނަމަ ދާންޖެހޭނީ ގިފިއްޔަށެވެ. އެކަމަށް ހާއްސަ ކުރެވިފައި ހުސް ބިންކޮޅެއް ގިފިލީގައި އޮންނާނެއެވެ. އަބަދުވެސް އަތުޖެހޭ ހިސާބުގައި ފޭރާ ތައްޔާރަށް ހުންނާނެއެވެ. މިހެން އުޅޭ އުޅުމުގައި ޖެހިވަޅަށް ޖެހޭ ފަހަރުވެސް އައުދެއެވެ. އެކަމުން އަވަދިވެ ތާހިރުވެ ނިމިގެން ދެން ނަގާނީ ވެލި ދަޅެވެ. ދަތް އުނގުޅާ ބޭހެއް ބުރުހެއް ނޫނެވެ. އަތިރިމަތިން ގެނެސް ގިފިލީގައި ބަހައްޓާފައި ހުންނަ ހިމުން ދޮންވެލި ދަޅެކެވެ. ދަތް އުނގުޅާ ނިމުމާއި އެކު ވަޅަށް ދާނި ގަންބާލައި ބޯމަތިން ހަދާނި އެއްލައި އަވަހަށް ނިކުންނަނީ މަންމަ އަވަސް ކުރާށޭ ބުނާ އަޑަށެވެ.


ނަމާދުކޮށް ނިމުމާއި އެކީ އަންމާފޮތް ހިފައިގެން އައިސް ކިޔަވަން އިންނަނީ މަންމައަށް އަޑު އިވޭ ހިސާބުގައެވެ. އޭރު މަންމަ ހުންނާނީ އުނދުން ކައިރީގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. އަހަރެން ކިޔަވަމުން ދާއިރު ޖެހޭ ކުށް މަންމަ ބުނެދީ ރަނގަޅު ކޮށްދެނީ އުނދުނުގައި ދަރު ޖައްސަމުންނެވެ. އޭރު ކައްކާ އުޅުނީ ތެލަކުން، ގޭހަކުން އަދި ކިޔެއްތަ ކަރަންޓަކުން ވެސް ނޫނެވެ. ދަރުންނެވެ. ނަމާދުކޮށް ކިޔަވައި ނިމޭއިރު މަންމަ ހުންނާނީ ހެދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާފައެވެ. އޭރު ގަޑިންވާނީ ހަގަޑި ބައިހާ އިރެވެ. ކިޔަވާ ނިމުމުން މަންމަ ބުނެ އުޅޭ ޖުމްލައެއް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ”ފޮތް ބާއްވާފައި ދަރިފުޅާ އަވަހަށް ސައިބޯން އަންނާށެވެ.“


ސައި ތައްޔާރު ކުރުމަށް އުނދުނުގައި ޖައްސަމުން ދިޔަ ދަރުތަށް އަތުން ދޫކޮށްލުމަށް ފަހު، ދެން ނަގަނީ އިލޮށި ފަތްޗެވެ. ހަތްގަޑި ބައި ނުވަނީސް މުޅި ގޯތިތެރެއާއި މަގުމަތިން ގޯތީގެ އިންވާ ހިސާބު އެއްކޮށް ކުނިކަހައި ނިންމާލައެވެ. ކަހައި އެއްކުރި ކުނިކޮޅު ބާލިދީއަކަށް އަޅާ ބަހައްޓައެވެ. ދެން މަންމަވެސް ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ތަށިތައް ނަގާ މޭޒުމަތި ސާފުކޮށްލައެވެ. އެއަށްފަހު ދެލި އަރާފައި ހުރި ތެލިތައް އެއްކިހިލީގައި ޖަހައި އަނެއް އަތުން ކުނި ބާލިދީ ނަގައި ހިންދެމިލައެވެ. މިހެން ދާއިރު ގިނަފަހަރަށް ދަނީ ބޮޑުވަޅިވެސް ތެލިތެރެއަށް ލައިގެނެވެ.


ގެންދިޔަ ކުނިކޮޅު ގޮނޑަށް ބަންޑުންޖަހާލާ، އަތިރިމަތީގައި އިށީންދެ އިނދެ ރީތި ހުދު ދޮންވެލި މުށެއް ނަގައި ކަޅުމަދަން ކުލަ އަރާފައިވާ ތެލިތަކުގައި އުނގުޅައި ތެލީގައި ހުރި ކުލަ ވެލިގަނޑަށް އަރުވާ ރީތި އަތްތިލައިން ފޮޅު އަރުވާލުމަށް ފަހު ތެލިތައް ދޮވެ ނިންމާލައެވެ. ދޮވުނު ތެލިތަކާއި ބާލިދީ ބާޑީފަށުން ހޭޅިކައިރީ ބެހެއްޓުމަށްފަހު ބޮޑުވަޅި ހިފައިގެން ވަންނަނީ ވަލަށެވެ. އިރު އިރުކޮޅަކުން އެހެރަ ނިކުންނަނީ ދަރުބޮނޑިއެއް ބޮލަށް ހެޔޮވަރުކޮށްލައިގެންނެވެ. އަނެއް އަތުގައި ކޭލިޖަހާފައި ވާ ދެތިންކާށި އޮންނާނެއެވެ. ކަތިވަޅި ކޮޅުގައިވެސް ކާއްޓެއް އޮންނަ މަންޒަރު ދެކެމެވެ. ބޮލުގައި ދަރުބޮނޑިއެކެވެ. އަނެއް ކިހިލީގައި ތެލިތަކެކެވެ. ކާށިކޮޅާއި ބޮޑުވަޅި ބާލިދިތެރޭގައެވެ. މަންމަ އެހެރަ އަންނަނީ އެވެ. ގޭދޮރުމަތީގައި އަހަރެން ހުންނަމެވެ. މަންމަ ވަލުން އަންނަންޏާ ހަދިޔާއަކަށް މުޑިއެއް (މުޑި ކާއްޓެއް) ގެނެސް ދޭނެއެވެ.


އެގާރަ ޖަހަން ކައިރި ވަނީ އެވެ. ފަތިހު ހޭލިފަހުން މަންމަ އަދި ހުއްޓި ނުލައެވެ. ހަމަ ޚިދުމަތުގައެވެ. ދެލި ފިލުވައި ދޮވެގެން ގެނައި ތެލިތަކަށް އަނެއްފަހަރު ދެލިއަރުވާ ކަޅުކުރަން ޖެހުނީއެވެ. އެކަމަކު އެހާ ފަސޭހައެއް ނޫނެވެ. މިހާރު ކުދިންނަށް ދޮލަނގަކީ ކޮބައިކަން ނޭނގިދާނެއެވެ. އޭގެން އޭރު ކުރީ ކީއްކަން ނޭނގިދާނެއެވެ. ޑަބިޔާގެ މަތިނަގައި ދެ ލާއްސެއްހައި ހަނޑޫ ދޮލަނގަށް އޮއްސާލައެވެ. ދެން މަންމަ ގޮސް އިންނަނީ ބޭރު ހިރުނދު ގަސްދޮށު ގައި ހުންނަ އޮށިއަށި މަތީގައި ހަނޑޫ ހޮވާށެވެ. ކަޅުފުކާއި ވީފުއް އެހާވެސް ގިނަވާނެއެވެ. ހިލަވެސް މަދެއް ނުވާނެއެވެ. މިހެން ހަނޑޫ ހޮވަން މަންމަ އިންނައިރު ހެނދުނު ކިޔަވަން އިންހެން މެނދުރު ކިޔަވަން އަހަރެން މަންމަ ކައިރީ އިންނަމެވެ. މިހާރުވެސް ހަނދާން ހުރެއެވެ. ބައެއް އަކުރު އަޅަން މަންމަ ދަސްކޮށް ދިނީ ވޮށުފިލައިގާ ލިޔާހެން ހަނޑޫ ދޮލަނގައި ލިޔެދީގެންނެވެ.


ހޮވި ހަނޑޫކޮޅު ދޮވެ، ލޮނުފެން ހެޔޮވަރުކޮށް އުނދުނުގައި ދަރުޖައްސާ ކައްކަން އުދުމަށްފަހު، މަންމަ އަވަސްވެގަންނަނީ ދާވެފައި ހުރި އަންނައުނުތައް ދޮންނާށެވެ. އޮޓޯ މެޝިނެއް ނޫނެވެ. ދޮންނަ މެޝިނެއް ޚިޔާލަށްވެސް ނާދެއެވެ. ބޮޑުތަށްޓަކަށް ފެންފުރާ އިށީންދެ އިނދެ ބުރުހަކުން އުނގުޅަނީއެވެ. އެހުރިހާއިރު އިންނަނީ ދޮންނަކުނޑި އެކުވެފައިވާ ފެން ގަނޑުން އެރީތި ދެއަތްތިލަ ފޯކޮށްގެނެވެ. އިނގިލިތައް ހުންނާނީ މޭލިބޮއެފައެވެ. އެއްޗެހި ދޮވެ އަވަދި ނުވަނީސް ބަތްތަވާ ކެކޭނެއެވެ. އެންމެ ލަސްވެގެން ގަޑިން ބާރަގަޑި ބައި ވާއިރު މެންދުރުގެ ކެއުން ހުންނާނީ ތައްޔާރުކޮށްފައެވެ. ކާން ބުނުމަށް ފަހު މެންދުރު ނަމާދުކޮށްގެން މަންމަ ނިކުންނާނީ ދޮވުނު އެއްޗެހި ހިއްކަން އަޅާށެވެ. އެއަށްފަހު މަންމަވެސް ކައި އަވަދިވެގެން ތަށިމަތި ނަގައި ފެންވަރާލައިގެން ނިކުމެދާނެއެވެ.


ފެންވެރީ މަސައްކަތް ނިމިގެންނެއް ނޫނެވެ. ކުރިއަށް އޮތީއެވެ. އަސުރަށް ގޮވަންދެން ގޭގައި ހުންނަ ކުދިކުދި ކަންކަން ކޮށްލާނެއެވެ. އަސުރަށް ގޮވުމުން ނަމާދުކޮށްލައިގެން މަންމަ ދަނީ އަތްމަތި ތިޔާގިވުން އެދި މަސައްކަތް ކުރާށެވެ. ދަނޑަށެވެ. ފަރުހިކޭ މޫސުމެއް ނަމަ ފަރަށެވެ. ތޮށިމަތީގައި އެތަށް ގަލެއް ފުރޮޅައެވެ. އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ‎މަންމަ ފަރަށް ގޮސްފައި އަންނަމުން ކުޑަކުޑަ ރީތި މަހެއް ގެނެސް ދޭނެއެވެ. ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރިޔަސް ދަރިން މަތިން ހަނދާން ނައްތައެއް ނުލައެވެ. އެމީހުން އުފާކޮށް ދިނުމަށް ކޮންމެވެސް ކަމެއް ކޮށްދެއެވެ.


އިރު އޮއްސޭއިރު މަންމަ ހުންނާނީ ގޭގައެވެ. ދެނަމާދު ދޭތެރޭގައި އަހަރެންނަށް ކިޔަވައި ދޭނެއެވެ. ރެއާއި ދުވާލުން ތިންފަހަރު ޤުރުއާން ކިޔެވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއަށްފަހު ނަމާދުކޮށް ކައިގެން މަންމަ އޮށޯންނަނީ އަހަރެން ނިންދަވާށެވެ. ރޯނުފުރި އެނދެއްގައެވެ. ދިއްލާފައި ހުންނަނީ ފުޅިބައްތިއެކެވެ. ކަރަންޓެއް ނޯވެއެވެ. މިހެން ނިންދަވަން އޮންނަ އިރު ޝަހާދަތާއި ހެޔޮ އެއްޗެތި ނިދެންދެން ކިޔައިދެއެވެ. އޭގެ އިތުރުން ކިޔައިދޭ ކިތަންމެ ނާނާއެއް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ.


ދުވަހަކުވެސް އަޑެއް ނާހަމެވެ. ދަރުން ކައްކަން ޖެހޭތީ ލޫޅާފަތި ހަށިގަޑަށް ހޫނުވާ ވާހަކައެއް ނުބުނެއެވެ. ދަރުހޮވަން ހޫނު އަވީގައި ހިނގަންޖެހޭތީ މޫނު ކުރަކިވާ ވާހަކައެއް ނުބުނެއެވެ. ފަރުމަތީ ގާ ފުރޮޅަން ޖެހޭތީ ދޮން އަތްތިލަ ފާރުވާ ވާހަކައެއް ނުބުނެއެވެ. އަތުން އެއްޗެހި ދޮންނަން ޖެހޭތީ އަތް ކުރަކިވެ އުނަގަނޑުގައި ރިއްސާ ވާހަކައެއް ނުބުނެއެވެ. ކުނިކަހަން ޖެހޭތީ މޫނު ކުނިކޮށެއް ނަހަދައެވެ. އަނދިރީގައި ނިދަން ޖެހޭތީ ބިރެއް ނުގަނެއެވެ. ފަންކާއެއް އަދި ފިނިކުރާނޭ ސިސްޓަމެއް ނުހުރެއެވެ. ހޫނުވާތީ ވެސް ޝަކުވާއެއް ނުމެކުރެއެވެ. ޝުކުރު ހައްގު ގަދަރުވެރި މައިންނަކީ މިއީ ނުންތޯއެވެ. ދިރިއުޅުމަށްޓަކައި އެއުފުލީ ކޮންފަދަ ބުރައެއް ތޯއެވެ. މިއީ ހަމައެކަނި އަހަރެންގެ މަންމަގެ ވާހަކައެއް ނޫނެވެ. އޭރުގެ މަންމައިންގެ ވާހަކައެވެ.


މިހާރު ވަރަށް ތަފާތެވެ. އޮށޯވެލައިގެން އޮވެ ހުރިހާ ކަމެއް ކުރެވެއެވެ. ހުރިހާ ކަމަކަށް މެޝިނުތައް ހުރެއެވެ. ރޮށިވެސް ހުންނަނީ ތައްޔާރީ ރޮށްޓެވެ. ކައްކަނީ ގޭހުން، ނޫންނަމަ ކަރަންޓުންނެވެ. ދޮންނަން އަޅާލީމާ އަމިއްލައަށް ދޮވެ އިސްތިރިވެވެއެވެ. ވަކި ކަމެއް ނޫނެވެ. ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. ހަލުވި ވެއްޖެއެވެ. ދިގު ރާސްތާ، ކުރުވެއްޖެ އެވެ. މިހުރިހައި ލުއިފަސޭހަތަކަކާއި އެކީ ޝަކުވާތައްވެސް އެހާ ގިނައެވެ. ނުވިތާކަށް ގަޑިންގަޑިއަށް ކައްކައި ނިންމުމަކީ ވެސް ދުރުކަމެކެވެ. ގިނަފަހަރަށް އޮންނަނީ ނުވެފައެވެ. އެންމެ ގިނައިން އިވޭނެ އަޑަކީ ދިރިއުޅުމުގެ ކަންކަން ބުރަ ވާހަކައެވެ. މަމީ އެވެ. ތިބާގެ މަންމަ މަތިން ހަނދާން ކޮށްލާށެވެ. ބުރައީ ކާކު ހެއްޔެވެ. މަންމަ ބުރަވެގެން ޝަކުވާ ކުރިހެއްޔެވެ. އެ މަންމަ ކުރިހެން އެންމެ ދުވަހަކު މަސައްކަތް ކުރަން ޖެހުނުނަމަ މިހާރުގެ މަމީމެން މަރުވެއްޖައީސް ކަން ކަށަވަރެވެ. މިހާރުގެ މަމީމެން ނަށް އޭރުގެ މައިންގެ ދަރަޖަ ދެވިދާނެ ތޯއެވެ.

١٨ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page