top of page
  • صورة الكاتبMiro

ހައްދުންމަތީ ބަހުރުވައަށް ކަޅިއެއް (1 ވަނަ ބައި)




ބަހަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އަދި ހަމައެހާމެ މުހިންމު ވަޞީލަތެކެވެ. ތިމާއަށް ނޭނގޭ ބަހަކުން ވާހަކާ ދައްކާ ބަޔަކު ތިމާގެ ވަށާއިގެން ވާހިނދު ހިތުގައި އުފެދޭ ޝުޢޫރުތައް އެމީހުންނަށް ހިއްސާ ކުރަން ނޭނގުމުން ބަހުގެ މުހިންމު ކަން އަންދާޒާ ކޮށްލެވިދާނެއެވެ. މިއީ ވަރަށް ބޮޑު އެހާމެ ތަނަވަސް މަޢުލޫއެކެވެ. ބަހުގެ މުހިންމު ކަން މިވަގުތު މަޑުޖައްސާލަމާ ހިނގާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަބަސް އުފެދި ހަމަ އެހާމެ ގިނަ ބަސްތަކެއް ނެތި ހިނގައްޖެއެވެ. އާންމުގޮތެއްގައި ބަސް އުފެދެނީ ގަހުން ގަސްފަޅާ ހެން ބަހުން ބަސްއުފެދިގެންނެވެ. އެގޮތުން އެއްބަހުން އަނެއްބަސް އުފެދިގެން އަންނަނީއެވެ. ބަހަކީ ދިރޭ އެއްޗެކޭ ބުނަނީ މިސަބަބާއި ހުރެއެވެ. ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ މިރީތި ކުޑަކުޑަ ދިވެހި ރާއްޖެއަށްވެސް މިވަނީ ދިވެހިން ފަޚުރުވެރިވާފަދަ ރީތި ފަށުވި ބަހެއް ލިބިފައެވެ. މަދުމީސްކޮޅެއް ދިރިއުޅެމުން އަންނަ މިރާއްޖޭގެ ގިނަ އަތޮޅުތަކުގައި ރަސްމީބަހާއި މަދުމަދުން ތަފާތު ލަފުޒުތައް ހުރިކަންފާހަގަ ކުރަމެވެ. ނަމަވެސް އައްޑޫ، ހުވަދޫ، ހައްދުންމަތި އަދި ޏަވިޔަނި މިހަތަރު އަތޮޅުގައި ބޭނުންކުރާ ބަސް ރަސްމީ ދިވެހިބަހާއި ވަރައް ބޮޑަށް ތަފާތެވެ. ނަމަވެސް މިއީވެސް ދިވެހި ބަސަތަކެކެވެ. މި ހަތަރު ބަހުރުވައިގެ ތެރެއިން ހައްދުންމަތީގެ ބަހުރުވަޔަށް ކަޅިއެއް އެއްލަމާ ހިނގާށެވެ.

ހައްދުންމަތީ ބަހުރުވަ ތަފާތުވަނީ ކިހިނެއް؟


ހައްދުންމަތީގައި މީހުން ދިރިއުޅެމުން އަންނަ 12 ރަށް އޮންނައިރު މި 12 ރަށުގައިވެސް ވާހަކަ ދެއްކުމުގައި ތަފާތުތަކެއް ހުރެއެވެ. ކޮންމެ ރަށަކަށް ވެސް ހާއްސަ ލަފުޒުތަކެއް ހުރެއެވެ. އޭގެ އިތުރުން މިއަތޮޅު ގަން ތިން އަވަށުގެ މައްޗަށް ބިނާވެގެން އޮންނައިރު މި ތިން އަވަށުގައި ވެސް ވާހަކަ ދެއްކުމުގައި ތަފާތު ހުންނަކަން ފާހަގަ ކުރަމެވެ. ކޮންމެ އަވަށަކަށްވެސް ޙާއްޞަ ލަފުޒުތަކެއް ހުރެއެވެ. އަދިހަމަ އެއާއެކު ވާހަކަ ދެއްކުމުގެ ރާގާއި ވައްޓަފާޅިވެސް ތަފާތެވެ. މިތަނުގައި އަޅުގަނޑު ބަލާލާނީ އާނމުގޮތެއްގައި ހައްދުންމަތީ މީހުންވާހަކަ ދައްކާ އުޅޭ ގޮތުގެ މައްޗަށެވެ. މުޅި ހައްދުންމައްޗަކަށް ނޫނެވެ. އަދި އަޅުގަނޑު މި ގެނެސްދެނީ ހައްދުންމަތީ ބަހުރުވާައިގެ ޤަވައިދެއްވެސް ނުމެނޫންމެއެވެ. އަޅުގަނޑު އަލިއަޅުވާލާފައިވާނީ ހައްދުނަމަތީ ބަހުރުވައިގާ ހުންނަ ތަފާތު ތަކުގެ މައްޗާށެވެ.


ރަސްމީ ދިވެހި ބަހާއި ހައްދުންމަތީ ބަސް ވަރަށް ބޮޑަށްވެސް ތަފާތެވެ. ފުރަތަމަ ކަމަކީ ވާހަކަ ދައްކާއިރު ޖިންސު ވަކި ކުރެވުމެވެ. އެގޮތުން އަންހެނަކާއި ނުވަތަ ފިރިހެނަކާ މުޚާތަބު ކުރާނަމަ ވާހަކަ ދެއްކުމުގައި ތަފާތުވާ ލަފުޒު ތަކެއް ހުންނާނެއެވެ. މިއީ ދުނިޔޭގެ އެހެންބަސް ބަހުގައި ވެސް މިކަން އޮންނަގޮތެވެ. އެންމެ ބޮޑު ފަރަގެއް މިކަމުގައި އޮންނަނީ އަރަބި ބަހުގައެވެ. މިދެންނެވިހެން ދިވެހި ރާއްޖެގެ ރަސްމީ ބަހުރުވައާޢި ހައްދުންމަތީ ބަހުރުވައިގެ ފުރަތަމަ ތަފާތަކަށް އަޅުގަނޑު ބަލާލާނި މިކަމުގެ މައްޗަށެވެ. އެގޮތުން " ހޭ " އަންހެނަކަށް ނަމަ " ޅޭ " ފިރިހެނަކަށް ނަމަ ބޭނުން ކުރާނެއެވެ. މިސާލު : ހޭ ކޮންތާކަށް ތެއްދަނޫ؟ ( ކޮންތާކަށް ތިޔަދަނީ؟ ) ސުވާލެކެވެ. މީހަކުފެނިގެން ދާތަނެއް އަހާލީއެވެ. ނަމަވެސް ކުރިއަށް " ހޭ " އޮތުމުން ސުވާލު ރައްދުވަނީ އަންހެނަކަށް ކަން އެނގޭނެއެވެ. ފިރިހެނަކަށް ނަމަ " ހޭ " ގެ ބަދަލުގައި ބޭނުން ކުރާނީ " ޅޭ " އެވެ. މިއީ އާންމު ބަހުރުވާގައި ބޭނުންކުރާ ގޮތެވެ. ތިންވަނަ މީހަކަށް ނިސްބަތް ކުރަން ބޭނުން ކުރާ ލަފުޒު " އޭނަ " އަށް ބަލާލާނަމެވެ. އަތޮޅުގެ އެކިރަށްރަށުގައި މިލަފުޒު ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރެއެވެ. ރަސްމީ ބަހުރުވައިގާ ބޭނުންކުރާ (އޭނަ) އަދި (މީނަ) ހައްދުންމަތީ އާންމު ބަހުރުވައިގާއި ބޭނުން ކުރާނީ އަންހެނަކަށް ނަމަ "މީހާ" އެވެ. ކާކުކަން އަންގާއި ދިނުމުގެ ގޮތުން ( އެމީހާ ) ނުވަތަ ( މިމީހާ ) ބޭނުން ކުރާނީ އަންހެނުންނަށެވެ. ފިރިހެނަކަށް ނަމަ "ސޮރަ" ކޮން ފިރިހެނެއްކަން އަންގައިދިނުމުގެ ގޮތުން ބޭނުންކުރާނީ ( އެސޮރަ ) ( މިސޮރަ ) އެވެ. މީގެ އިތުރުން އެހެނިހެން ރައްރަށުގައި ބޭނުން ކުރާ ބައެއް ލަފުޒުތަކަށް ބަލާއިލާނަމެވެ. އެގޮތުން އަންހެނުންނަށް ގޮލި ނުވަތަ ގޮލޭ ، ކިޔާއި އުޅެއެވެ. މިސާލު: އެ ގޮލި ކޮބާ؟ އެ ގޮލޭ ކޮބާ؟ މާނައަކީ އޭނަ ކޮބާ؟ ސުވާލެކެވެ. ނަމަވެސް މިހެން ބުނުމުން ހޯދަން އުޅެނީ އަންހެނެއް ކަން އެނގޭނެއެވެ. ގޮލި ނުވަތަ ގޮލޭ ނެގިފައި ވަނީ " ގޮއްޔެ " މި ލަފުޒުންނެވެ. މީގެ އިތުރުން (ޔަ) ނުވަތަ (ޔު) އަންހެނުންނަށް ބޭނުން ކޮށް އުޅެއެވެ. މިސާލު: އެޔު ނުވަތަ އެޔަ ކޮބާ؟ އަދި ހަމަ އެހެންމެ ފިރިހެނުންނަށް (ސުރު) ބޭނުން ކޮށް އުޅެއެވެ. މިސާލު: އެސުރު ނުވަތަ މިސުރު ކޮބާ؟ ސުރު ނެގިފައި މިވަނީ ހައްދުންމަތީގެ ރަސްމީ ބަހުގައި ބޭނުން ކުރާ ސޮރު (ފިރިހެނާ) އިން ކަމުގައި ބެލެވެއެވެ. މި ނޫނަސް ބޭނުން ކުރާ އިތުރު ބަހެއް އޮވެދާނެ ކަމުގައި ބެލެވެއެވެ. އަޅުގަނޑު ބޮޑަށް އަލިއަޅުވާލަމުން މިދަނީ ހައްދުންމަތީގެ އާންމު ބަހުރުވަ ހުންނަ ގޮތުގެ މައްޗަށެވެ.


ލަފުޒުތަކު ގެ ފިލި ބަދަލު ވާގޮތް؟


ހައްދުންމަތީ ބަހުރުވަ ރަސްމީބަހާއި ތަފާތުވުމުގައި އަކުރަށްވުރެ އިސްރޯލެއް އަދާކުރަނީ އަކުރުގައި ޖެހޭ ފިއްޔެވެ. އުބުފިއްޔަކަށް ނިމޭ ލަފުޒުތަކުގައި ފިލިބަދަލު ވާނީ ފަހަތަށް އޮންނަ އުބުފިލީގެ ބަދަލުގައި އަބަފިއްޔެއް ޖެހިގެންނެވެ. ފެށުމުގައި އޮންނަ ފިލި އޭގެ އަސްލު ހާލަތުގައި ބަދަލުވުމެއް ނެތި އޮންނާނެއެވެ. އަބަދުވެސް ބަދަލުވާނީ ފަހުއަކުރުގައި އޮންނަ އުބުފިއްޔެވެ. ތިރީގައި މި ގެނެސްދެނީ އަބަފިލި، އާބާފިލި، އުބުފިލި، އޮބޮފިލި، އޯބޯފިލި އޭބޭފިލި އަދި އޫބޫފިލިން ފެށި އުފުފިއްޔައް ނިމޭ ލަފުޒުރަކުގެ މިސާލުތަކެވެ.

އަކުރުގެ މަތީގައި ޖެހޭ ފިލިތަކުގެ ތެރެއިން ފިއްޔަކުން ފެށި އުބުފިއްޔައް ނިމޭ ލަފުޒުތައް ބަދަލުވާގޮތަކީ މިއީއެވެ. ހަމައެކަނި ފަހަތުގައި އޮންނަ އުބުފިލީގެ ބަދަލުގައި ޖެހޭނީ އަބަފިއްޔެކެވެ. "ހަނދު" ކިޔާއިރު ފަހަތުގައި އޮންނަ އުބުފިލި ބަދަލުވާނީ އަބަފިއްޔަކަށެވެ. "ހަނދަ" މިގޮތަށެވެ. ނަމަވެސް "ހަނދުވަރު" ކިޔާއިރުގައި މިފަހަރު ދާލު މަތީގައި އޮންނަ އުބުފިލި ބަދަލެއް ނުވާނެއެވެ. އަބަދުވެސް ބަދަލުވާނީ ލަފުޒުގެ އެންމެފަހަތުގައި އޮންނަ ފިއްޔެވެ. ވީމާ މިތަނުގައި ބަދަލުވާނީ އެންމެފަހަތުގައި އޮތް ރާގައި ޖެހިފައިވާ އުބުފިއްޔެވެ. އޭގެ ބަދަލުގައި ޖެހޭނީ އަބަފިއްޔެކެވެ. "ހަނދުވަރަ" މިހެންނެވެ. ހަނދުވަރު މިއީ އެއްލަފުޒެކެވެ. މިގޮތަށް ބަދަލުވާނީ އެންމެ ފަހު އަކުރުގައި އުބުފިލި އޮތްނަމައެވެ. މީގެ އެހެން ލަފުޒަކަށް ބަލާލާނަމެވެ. "ގަނޑުވަރު" މިއެވެ. ގަނޑު އަދި ވަރު ވަކިން ދެލަފުޒެއް ގޮތުގައި ބޭނުން ކުރާއިރު ގަނޑު "ގަނޑަ" އަދި ވަރު "ވަރަ" މިހެންނެވެ. މިދެބަސް އެއްވެ އެއްބަހަކަށްވުމުން ކުރިން ދެންނެވިހެން ބަދަލުވާނީ ހަމައެންމެ ފަހު އަކުރުގައި އޮންނަ އުބުފިއްޔެވެ. ވީމާ އޮންނާނީ "ގަނޑުވަރަ" މިހެންނެވެ.

ރަސްމީ ދިބެހިބަހުގައިވެސް މިދެންނެވިހެން އަބަފިލި ޖެހޭ ޙާލަތްތައް އަންނާނެއެވެ. ލަފުޒުގެ ފަހަތަށް އިތުރުވާ ލަފުޒެއްގެ ސަބަބުން ރަސްމީބަހުގާއި ބަދަލުވާ ގޮތަކީ މިއެވެ. "އަޑު" މިލަފުޒަށް ބަލާލަމާ ހިނަގާށެވެ. މިބަސް ހައްދުންމަތީ ބަހުރުވައިން ކިޔާނީ "އަޑަ" މިހެންނެވެ. ރަސްމީބަހުގައި "އަޑު" ގެ ފަހަތުގައި އޮންނަ އުބުފިލި އަބަފިއްޔަކަށް ބަދަލުވާނީ އަޑުގެ ފަހަތަށް އިތުރުކޮށް ގުޅުވާލާ ލަފުޒަކާއި ގުޅިގެންނެވެ. އަޑަ ކީ ކޮބާ؟ ހައްދުންމަތީބަހުން މި ޖުމުލަ ކިޔާނީ "އަޑަ ކޫ ކޮބާ؟ ރަސްމީ ބަހުރުވައި ގައި މިއަންނަ "ކީ" ހައްދުންމަތީ ބަހުގައި އަބަދުވެސް ބަދަލުވާނީ "ކޫ" އަށެވެ.

އިސްވެ ގެނެސްދިން މިސާލުތަކުން ހައްދުންމަތީ ބަހުރުވާއިގާ ފިލި ބަދަލުވަމުން ދާ ގޮތުގެ ތަފާތު ކޮންމެވެސް ވަރަކަށް އެނގުނު ކަމުގައި ޔަޤީން ކުރަމެވެ.


އަކުރުގެ ތިރީގައި ޖެހޭ ފިލި ތަކުގެ ތެރޭގައި މާގިނަ ފިލިތަކެއް ނުހުރެއެވެ. އިބިފިލި އަދި އީބީފިލި މިދެފިލި ޖެހުނީމާ ފަހަތުގައި އޮންނަ އުބުފިލި ބަދަލުވޭތޯ ބަލަމާ ހިނގާށެވެ. އެގޮތުން މިބަލާލަނީ އީބީފިލި އަދި އިބިފިއްޔަކުން ފެށޭ ރާގެ އުބުފިއްޔަށް ނިމޭ ލަފުޒުތަކަށެވެ.


އީބީފިލި ނުވަތަ އިބިފިލިން ފެށި ރާގެ އުބުފިއްޔަށް ނިމޭ ލަފުޒުތަކުގައިވެސް ރާގެ އުބުފިލީގެ ބަދަލުގައި އަބަފިލި ޖެހޭކަން މި މިސާލުތަކުން ވެސް ފެނިގެން ދާނެއެވެ. ކުރިން ދެންނެވިހެން މިގޮތައް އަބަފިލި ޖެހޭ ހާލަތްތަޢް ރަސްމީ ބަހުގައިވެސް އަންނާނެއެވެ. އޭގެ މިސާލު ކުރިންވާނީ ގެނެސްދެވިފައެވެ.


އުބުފިލީގެ އިތުރުން ދެންއެންމެ ބޮޑު ބަދަލެއް މިއަންނަނީ ސީނު ސުކުނަށް ނިމޭ ލަފުޒުތަކުގައެވެ. އެގޮތުން އަބަފިއްޔަކުން ފެށި ސީނު ސުކުނަށް ނިމޭ ދެއަކުރުގެ ލަފުޒެއްނަމަ ލަފުޒުގެ ފަހަތުގައި އޮތް ސީނު (ހ) އަކަށްބަދަލުވެ ސުކުނުގެ ބަދަލުގައި އަބަފިލި ޖެހޭނެއެވެ. އިބިފިއްޔަކުން ފެށި ސީނު ސުކުނަށް ނިމޭ މާގިނަ ލަފުޒުރަކެއް ދިވެހި ބަހުގައި ނުހުރުއެވެ. މިސާލު : ބިސް (ބިހި) ފެށިފައި އޮތީ ބާގެ އިބިފިލިންނެވެ. ނިމިފައި އޮތީ ސީނު ނުކުނަށެވެ. ލަފުޒުގައި އޮތް ސީނާއި ސުކުން ބަދަލުވާނީ (ހި) ހާގެ އިބިފިއްޔަށެވެ. މިއީ އިބިފިލީގެ މިސާލެއެވެ. ތިރީގައި މި ގެނެސްދެނީ އަބަފިލިން ފެށޭ ސީނުގެ ސުކުނަށް ނިމޭ ލަފުޒުތަކުގެ މިސާލުތަކެވެ.



މިބައި ދެނެގަންނާނީ ކިހިނެތް ތޯއެވެ. އެއްގޮތަކީ ސީނުގައި ސުކުން ކުރެވޭ ހާލަތުން މިކަން ދަނެގަނެވިދާނެއެވެ. އަކުރެއްގައި ފިލިޖަހާއި އިރު "ހ" ގައި ފިލިޖެހޭ ތަން ދަނެގަނެވިދާނެއެވެ. މިސާލު: ގަސް ، ގަހޭ = މަސް، މަހޭ

މިގޮތަށް ހުންނަ ބަހުން ހެދިފައި ހުންނަ ޖުމުލައަކަށް ބަލާލާނަމެވެ.

ރަސްމީ: ގަސްތައް ކޮށާ ނިމިއްޖެ ތަ؟

ހައްދުންމަތި: ގަހަތެއް ކޮށާ ނިމިއްޖަ ތެ؟


"ގަސް" މިލަފުޒުގެ ފަހަތަށް އަންނަ ނަންއިތުރު "ތައް" ހައްދުންމަތީ ބަހުރުވައިގާ އަބަދުވެސް ބޭނުންކުރާނީ ތާގެ އެބެފިލި ޖަހައިގެން "ތެއް" މިހެންނެވެ. ގަހަތެއް' މަހަތެއް. މިގޮތަށެވެ. އަދި ޖުމުލާއިގަ އެވާ "ނިމިއްޖެ" މި ލަފުޒުގައި އެވާ ޖަވިޔަނީގެ އެބެފިލި "ޖެ" ގެ ބަދަލުގައި ކުރިން ދެންނެވިފަދައިން ޖެހެނީ އަބަފިއްޔެކެވެ. "ނިމިއްޖަ" މިގޮތަށެވެ. ހަނދާނުގާ ބަހައްޓަންވި ކަމަކީ ސުވާލުގައި ފަހަތަށް އަންނަ "ތަ" އަބަދުވެސް ހައްދުންމަތީ ބަހުރުވައިގާ އޮންނާނީ ތާގައި އެބެފިލި ޖެހިގެން "ތެ" މިގޮތަށެވެ.

މިސާލު: ކެވިއްޖެ ތަ؟

ކެވިއްޖަ ތެ؟

(ނުނިމޭ)

٥٤٠ مشاهدة٠ تعليق

أحدث منشورات

عرض الكل
ޒިޔާރަތް ކުރެއްވި އަދަދު
  • White Facebook Icon

© 2017-2020 Lionel Miro, Maldives

Miro
މިރޯ

އަޚުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ.

ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ. މިއީ އަޅުގަނޑުގެ އަަމިއްލަ ބުލޮގެކެވެ. މި ބުލޮގްގައި ހިމެނޭ %100 ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ހައްގެކެވެ. ހުއްދަނެތި އެއްވެސް ލިޔުމެއް އެހެން އެއްވެސް ވެބްސައިޓެއްގައި ޕަބްލިޝްކުރުމާއި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.  މިރޯ

bottom of page