top of page
  • صورة الكاتبMiro

މައާފު ކުރާށެވެ........



މިއީ އަހަރެންނާއި، އަހަރެންގެ ކޮއްކޮގެ ވާހަކައެވެ. އަހަރެމެން ވަރަށް ކުޑައިރު، ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވިއެވެ. ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް ނަގައިދޭނެ ކަމުގައި ބުނެ ބައްޕަގެ ހުރިހައި މުދަލާއި، ފައިސާ ބޮޑުބޭބެ އަތްދަށުލިއެވެ. ބައްޕައަކީ އެ ހިސާބު އުޅޭ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކެވެ. ބޮޑުބޭބެ ގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދިޔައިމެވެ.

ދުވަސްތަކެއް ފަހުން، ސުކޫލްގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓައިލަން ޖެހުނެވެ. ޓިއުޝަން ވެސް ހުއްޓިއްޖެއެވެ. މައިންބަފައިންގެ ކަށި ފީވަމުން ދިޔަ ވަރަކަށް ބޮޑުބޭބެގެ އަޑު ގަދަވެ، އަނިޔާ ދިޔައީ ގިނަވަމުން ނެވެ. އެއްވެސް ސަބަބެއްނެތި ހަޅޭލަވާ، ތަޅައި އަނިޔާ ކުރުން އިތުރުވިއެވެ. އަމިއްލަ ގޭގައި ބޮޑުބޭބެގެ އަޅުންނަށް ވެ ކޮންމެ ދުވަހަކު އެތައް ވޭނެއް ތަހައްމަލު ކުރަން ޖެހެއެވެ. އެންމެ ފަހުން މި ކަންކަމަށް ކެތް ނުކުރެވިގެން ގެއިން ނިކުންނަން ނިންމީމެވެ.


މެންދަންވެ ހަމަ ހިމޭން ވެއްޖެއެވެ. ކޮއްކޮގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ހިނގައި ގަތީމެވެ. މަގުމަތީގެ ދިރިއުޅުމަކަށް މުޅިން ތަފާތު މާހައުލަކަށެވެ. ކޮންމެ ގޮތެއް ވިޔަސް މިއަށްވުރެ ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. މިހާރު އަހަރެމެން ދެމީހުންގެ މަސައްކަތަކީ ސަލާން ޖެހުމެވެ. ލައިގެން ތިބި ހެދުން ގަނޑު މިލަވެ ކުނިވެއްޖެއެވެ. އަހަރެންގެ ހާލަށް ވުރެ ކޮއްކޮގެ ހާލައިމެދު ވިސްނެއެވެ. މަގުމައްޗާއި އަސްކެނިތަކަކީ މިހާރު އަހަރެމެންގެ ގެއެވެ.


މިގޮތުގައި ދުވަސްތަކެއް ފާއިތުވެ ދިޔައެވެ. އާދައިގެ މަތިން ސަލާން ޖެހުމުގައި އުޅުނީމެވެ. މަޑުކޮށްފައި އޮތް ކާރެއްގެ ތެރޭގައި އިން އަންހެނަކަށް ބޭ އިޚްތިޔާރުގައި އަތްދިއްކޮށްލެވުނެވެ. ކާރުގެ ބިއްލޫރި ގަނޑު ތިރިކޮއްލަމުން އޭނާ ބުންޏެވެ. ސުކޫލަކަށް ނުދަން ހެއްޔެވެ. މަޑުމަޑުން ގިހެއް ލެވި އަހަރެންނަށް ރޯންފެށުނެވެ. އަދި އަހަރެމެންގެ ވާހަކަ އޭނާ އަށް ކިޔައިދިނީމެވެ. އެއަށްފަހު ބައްޕައާއި މަންމަގެ ނަމަކީ ކޮބައިތޯ އޭނާ ސުވާލު ކުރިއެވެ. ބައްޕައަކީ މިވެނި މީހެކޭ ބުނެ ކިޔައިދިނީމެވެ. އެހިނދު ފެންކަޅިވެފައި ހުރެ އަހަރެންނާއި، ކޮށްގެ ގާތު އޭނާ ބުންޏެވެ. " ކޮއްކޮމެންނޭވެ....ދައްތައަށް މަޢާފު ކުރާށެވެ." މިހެން ބުނެފައި އަހަރެމެން ދެމީހުން ކާރަށް އަރުވައިފިއެވެ.


ކާރު މަޑުކުރީ ވަރަށް ރީތި ބޮޑު ގެއްްގެ ގޭޓް ކުރިމައްޗަށެވެ. ކާރުން ފައިބާ ދެމީހުންގެ އަތުގައި ހިފައިގެން އޭނާ ހިނގައި ގަތެވެ. އަދި ބުންޏެވެ. މިއަދުން ފެށިގެން މި ގެއަކީ ތިޔަ ދެކުދިންގެ ގެއެކެވެ. މިއަދަށްފަހު މި ގޭގައި އުޅޭނީ އަހަރެމެން ތިން މީހުނެވެ. އަހަރެންނަށް މައާފު ކުރާށެވެ. މައާފަށް އެދެނީ ކީއްވެ ތޯ އަހަރެމެން ސުވާލެއް ނުކުރަމެވެ. ސުވާލު ކުރަން ޚިޔާލައްވެސް ނާދެއެވެ. އެއަށްވުރެ އަހަރެމެން މާ ކުޑައެވެ. އެ ދުވަހަށް ފަހު އަހަރެމެން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ސުލޫގެ ކިޔެވެން ފެށިއްޖެއެވެ. ޓިއުޝަން ކުލާސްތަކާއި ކުޅިވަރު މުބާރާތްތައް ފެށިއްޖެއެވެ. ގެއްލުނު ހުރިހައި އެއްޗެއް ލިބި، މަންމައާއި ބައްގެ ލޯބި ވެސް ލިބޭފަދަ އެވެ. ހަގީގަތުގައި މަންމަ އާއި ބައްޕަ އަށްވުރެ ބޮޑަށް، ދައްތަ އެކަނި ވެސް އަޅައިލާ ލޯބި ދެއެވެ.

ނަމަވެސް މިއަދު މިވާހަކަ މި ހިއްސާ ކުރަނީ ގިސްލަމުންނެވެ. އެދުވަހު ގިސްލަމުން، ދައްތައަށް އަހަރެމެންގެ ހާލު ކިޔައިދިން ފަދައިންނެވެ. އެއީ ކާކު ކަން އެނގުނީ މަރުވެދިޔަ މާފަހުންނެވެ. އެކިފަހަރު މަތިން އެކި ދުވަހު ތަކުރާރުކޮށް މައާފަށް އެދެމުން ދިޔައެވެ. ނަމަވެސް އަހަރެމެން އެކަމަށް އެހައި ސަމާލު ކަމެއް ނުދެމެވެ. މަރުވެ ދިޔައިރުވެސް މައާފު ކޮށްފީމޭ ބުނާ އަޑު އެ ކަންފަތަށް އިއްވައެއް ނުދެވުނެވެ. އަހަރެންގެ މައިންބަފައިން މަރުވީ ދައްތަ ދުއްވި ކާރުން ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. ނަމަވެސް މަރުވެ އެދިޔައީ މައިންބަފައިންނަށް ވުރެ ބޮޑަށް އަޅާލުމައި އޯގާވެރިވެފައެވެ. ގެއާއި ހުރިހައި މުދަލެއް އަހަރެމެންނަށް ހިބަ ކޮށްދީފައެވެ. ކިޔަވައިދީ އަހަރެމެން ދެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކޮއްފައެވެ. މިއަދު އަހަރެންނަކީ ޕައިލެޓެކެވެ. އަހަރެންގެ ކޮއްކޮއަކީ ޑަކްޓަރެކެވެ. އަހަރެމެން ކޮންފަދަ އިއްތިފާގެއް ހެއްޔެވެ. ކޮންފަދަ ބަދަލެއް ހެއްޔެވެ



١٦ مشاهدة٠ تعليق

أحدث منشورات

عرض الكل
ޒިޔާރަތް ކުރެއްވި އަދަދު
  • White Facebook Icon

© 2017-2020 Lionel Miro, Maldives

Miro
މިރޯ

އަޚުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ.

ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ. މިއީ އަޅުގަނޑުގެ އަަމިއްލަ ބުލޮގެކެވެ. މި ބުލޮގްގައި ހިމެނޭ %100 ލިޔުމަކީ އަޅުގަނޑުގެ އަމިއްލަ ހައްގެކެވެ. ހުއްދަނެތި އެއްވެސް ލިޔުމެއް އެހެން އެއްވެސް ވެބްސައިޓެއްގައި ޕަބްލިޝްކުރުމާއި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.  މިރޯ

bottom of page