top of page
  • صورة الكاتبMiro

ގޯތިނުލިބި ގަމު މީހުން އަޅުވެތިކަމުގައި 20 އަހަރު


ތަސްވީރު - ވިޒިޓް ލާމު


ހައްދުންމަތީ ގަމަކީ ބިންބޮޑު ރަށެކެވެ. މިރަށުގެ ރައްޔިތުންގެ އިތުރުން ލާމު އަތޮޅުގެ ރައްޔިތުންވެސް މިކަމާ ފަޚުރުވެރިވެއެވެ. ނަމަވެސް ބިންބޮޑުވެގެން ގަމު ރައްޔިތުންނަށްވީ ކޮންފައިދާއެއް ތޯއެވެ. އިންސާނަކު ދުނިޔޭގައި އުޅޭއިރު އޭނާއަށް އެންމެ މުހިންމުވާނީ ދިރިއުޅޭނެ އަމިއްލަ ހިޔާވައްސެއް ލިބުމެވެ. ނަމަވެސް ގަމުގައި ބޯހިޔާވަހިކަން ލިބިތިބި މީހުންނަށްވުރެ އެނަޞީބު ނުލިބިތިބިމީހުންގެ ލިސްޓު އަންނަނީ މާ ދިގުކޮންނެވެ. ބޯހިޔާވަހިކަމެއް ހުރުމަކީ އަމިއްލަ ގެދޮރު ހުރުމެވެ. މިރަށުގެ ގޭގޭގައި މީހުން ގިނަވެ ތޮއްޖެހިއްޖެއެވެ. ބުނަން މިއުޅެނީ ގަމުން ގޯތި ނުދޭވާހަކައެވެ. ރައްޔިތުންނަށް ލައްކަ އާދޭސް ކުރެވިއްޖެއެވެ. އިނތިޒާރުގައި ތިބެވިއްޖެއެވެ. މިކަމާ އަޅާލަނީ ކާކުތޯއެވެ. ދާޢިރާގެ ހައްޤުގައި ވަކާލާތު ކޮށްދިނީ ކޮން މެންބަރަކު ތޯއެވެ. ކައުންސިލުތެރެއިން މިކަމާއި އުޅެނީ ކާކުތޯއެވެ. މިކަމާ އާދޭސް ދަންނަވަމުން މިދާ ދިގު ސިލްސިލާތެރޭގައި ކިތައް ރަޢީސުން، ކިތައް މެންބަރުން އަދި ކިތައް ކައުންސިލަރުން އިނތީޚާބުވެ ހިނގައްޖެކަން އެނގޭ ހެއްޔެވެ. އެކަކަށްވީ އެއްކަމެއްވެސް ހަރާމެވެ.

ކަމުވޮށިގެންވާ މާލޭ ބޭފުޅުންނަށާއި، ވިޔަފާރި ވެރިންންގެ އިތުރުން މިނިސްޓަރުންނަށް 1998 ހިސާބު މަޢުމޫނުގެ ވެރިކަމުގައި 540 އަށްވުރެ ގިނަ ގޯތި ގަމުން ދޫކުރެވިފައިވެއެވެ. މިއީ އެންމެފަހުން ގަމުން ގޯތި ދޫކުރެވުނުކަން އނގެންއޮތް ތާރީޚެވެ. މި ގޯތިތަކުގައި އެއްވެސް އިމާރާތެއް ކުރުމެއްނެތި އަދިވެސް ހުރިގޮތަށް އެބަހުއްޓެވެ. އޭގެފަހުން ވިޔާފާރި އުސޫލުން ރީކޯމޫސާ މަނިކަށާޢި މާރިއާ ދީދީއާއި އަދި ނަޒާކީ ފަދަ ބޭބޭފުޅުންނަށް ބޮޑެތިބިންތައް ލިބި ދީފައިވެއެވެ. އެތަންތަނުން ނަފާ މަންފާ ގޮވާން ކުރަމުން އެބޭފުޅުން އެބަގެންދަވައެވެ. 1998 ވަނަ އަހަރުން ފެށިގެން އޭގެ 12 އަހަރު ފަހުން 2012 ވަނަ އަހަރު ގޯތި ދޫނުކުރާ މައްސަލާއިގައި ގަމު ރައްޔިތުންވަނީ ގަމު ކައުންސިލު ޢިދާރާ ދޮރުމަތީގައި މުޒާޚަރާ ކޮށްފައެވެ. އެކަމާއި ގުޅިގެން އޭރު ކައުންސިލުގެ ރައިސް ހުސައިން މޫސާ ވިދަޢަޅުވީ "ލޭންޑު އެންޑް ސާވޭ އޮތޯރިޓީއަށް އަޅުގަނޑުމެން ވާނީ ރިޕޯޓް ހުށަހަޅާފައި. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުއްދަ ލިބޭނެ ކަމަށް. އެ ހުއްދަ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގޯއްޗަށް އިއުލާން ކުރާނަން،" އެފަހަރު ގޯތި ދިނުމުގެ ނަމުގައި ފޯމުތަކެއް ދޫކުރިއެވެ. ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކަށް ވީކިހިނެއް ކަން އެނގިލައްވާ ތޯއެވެ. އޭގެ ދުވަސްތަކެއް ފަހުން ފޯމުތައް ފެނުނީ ނީލަމުގައި ވިއްކާލި އައިސް އަލަމާރިއެއް ތެރޭގައި ހުއްޓައެވެ.

ދުވަސްތައް ވޭތިވަމުން ގޮސް 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު 26 ވަނަ ދުވަހު ކޮރަޕްޝަނުގެ މައްސަލައެއްގައި ގަމު ކައުންސިލްގެ ކުރީގެ ރައީސްއާއި އިތުރު ދެމީހަކު ހައްޔަރުކުރެވުނެވެ. ވަގަށް ގޯތިތަކެއް ވިއްކީއެވެ. ހެޔޮވާނީ ކިހިނެތް ތޯއެވެ. ރައްޔިތުން އެދޭ އެދުމަކީ މިއީ ތޯއެވެ. އެތައްބުރަ މަސައްކަތަކުން ރައްޔިތުން ބަޔަކު އިންތިޚާބު ކުރަނީ ވަރަށްވެސް ފޮނި އުންމީދެއްގައެވެ. ފަހި ދިރިއުޅުމެއް ލިބުމުގެ ނިޔަތުގައެވެ. މި މައްސަލައާ ގުޅިގެން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވެސް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރިކަމުގައި މަޢުލޫމާތު ލިބެއެވެ. ގަމުން ގޯތި ވިއްކި މައްސަލާގައި ކައުންސިލް އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ އާއި ލ.ގަމު ކައުންސިލުގެ ފުރަތަމަ ދައުރުގެ ރައީސްގެ މައްޗަށް ދަޢުވާކުރުމަށް މީގެ 3 މަސް ކުރިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ފޮނުވި ކަމަށް މަޢުލޫމާތު ލިބެއެވެ.


ކައުންސިލް މެންބަރު ޒަކީ ހިއްސާކުރައްވާފައިވާ ޕޯސްޓެއް

އޭގެފަހުން އަނެއްކާވެސް ގޯތި ދޭނެކަމަށް ބުނެ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު 5 ވަނަ ދުވަހު ގޯތި ދޫކުރަން އިޢުލާނުކޮށް 700 އަށްވުރެ ގިނަ ފޯމު ރައްޔިތުން ލައްވާ ފުރުވިއެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ އޭޕްރިލް މަހު 23 ވަނަ ދުވަހު ޝިޔާމް ވިދާޅުވީ "ހައުސިން މިނިސްޓީރީގެ ހުއްދައަށް އިންތިޒާރު ކުރިނަމަވެސް، އެ ހުއްދަ ލިބުން ލަސްވާނަމަ ގޯތި ދޫކުރާނެ ކަމަށެވެ. ހުއްދައެއް ނުލިބިގެން ޤާނޫނުން ކައުންސިލަށް މަނާ ނުކުރާ ކަމެއް ނުކޮށް ނުތިބޭނެ" ކަމަށެވެ. ވަރަށްގަދަ ކޮށްފިތާއެވެ. އެދުވަހު ބަޔަކު މީހުން ޝިޔާމު ގެ ގަދަކަން ފެނި އުފަލުން ފޮޅި ގޯތިޔަޤީން ކޮށްގެން ތިބިތަންވެސް ދުށީމެވެ. އެހެންނަމަވެސް އެމީހުންގެ ހިއްވަރުވެސް ގެއްލި މާޔޫސް ވެގެންދިޔަޢީއެވެ. އޭގެ 4 މަސްފަހުން އެއަހަރު އޯގަސްޓް މަހު 07 ވަނަ ދުވަހު ފެނިގެންދިޔައީ ގޯތި ދޫކުރާނީ ސަރުކާރުގެ ހުއްދަލިބިގެން ކަމުގައި ބުނެ ކައުންސިލުގެ ޒިންމާ ސަރުކާރުގެ މައްޗަށް އަނބުރާލިތަނެވެ. ސަރުކާރުން ހުއްދަ ނުދިނަސް ގަމު ރައްޔިތުންނަށް ގޯތިދޭނެ ކަމުގައި ބުނެ ރައްޔިތުން ގަނަ ތަޅުވަމުން ގޮސް އެންމެފަހުން މިކަން ބޮލާލާޖެހީއެވެ. އެދުވަހު ޝިޔާމް ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ހުއްދަ ނުހޯދާ ގަމުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރާ މަސައްކަތް މަޑުޖައްސާލުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ގަމު ކައުންސިލަށް އަނގާފައި ވަނިކޮށް، ސަރުކާރުން ހުއްދަ ނުދިނަސް ގޯތި ދޫކުރާނެ ކަމަށް ކުރިން ބުނެފައި ވީނަމަވެސް ދެން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ސަރުކާރުގެ ހުއްދަ ލިބުމުން ކަމުގައެވެ. މީގެ އިތުރުން ޝިޔާމު ވިދާޅުވީ " ސަރުކާރުން ހުއްދަލިބުނުހާ އަވަހަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށާޢި، އުންމީދަކީ މިއަހަރު ނިމެންވާއިރަށް ގޯތި ދޫކުރެވުން ކަމުގައެވެ.2016 ވަނަ އަހަރު ގަމުން ގޯތި ދޫކުރުމަށް އިޢުލާން ކުރުމުން ގަމުގެ ގިނަ ރައްޔިތުންވަނީ ގޯއްޗަށް އެދި އެކައުންސިލަށް ފޯމްވެސް ހުށަހަޅައިފައެވެ. ނަމަވެސް ސަރުކާރުން އެކަން މަޑު ޖައްސާލުމަށް ގަމު ކައުންސިލަށް އެންގުމުން ރައްޔިތުންވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އޭގެ 11 މަސްފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހު ޝިޔާމު ވިދާޅުވީ އެއަހަރުގެ ޑިސެމްބަރ މަހު ގޯތި ދޫކުރަން ހުއްދަ ލިބޭނެ ކަމަށެވެ. މިފަހަރު "ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ގަމުން ގޯތި ދޫކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހައުސިންގް މިނިސްޓްރީގެ ވަފުދެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ވަފުދުން ސާފްކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރުމަށް ފަހު މި އަހަރު ޑިސެމްބަރ މަހުގެ ތެރޭގައި ގޯތި ދޫކުރުވޭނެ ކަމަށެވެ" އަޖައިބެކެވެ. ކައުންސިލެއް މިއޮންނަނީ ކީއްކުރަންބާވައޭ ހިތައް އަރައެވެ. ބަހަނާއަކަށްފަހު ބަހަނާއެކެވެ. ނަށާހިއްވާ މީހަކަށް ބެރެއްޖަހާ އަޑު އިވޭ ހިނދު ނެށޭހެން ގޯތި ބޭނުންވެފައި ތިބި ވަރުން ރައްޔިތުންނަށް މިމީސްމީހުންގެ ބަހައް ހެއްލި ތިބެވެނީއެވެ. ދެންވީ ގޮތް އެނގޭ ހެއްޔެވެ.

އަނެއްކާވެސް ޓީމެއް ގަމަށް ދުރުވެއްޖެއެވެ. 2018 ވަނަ އަހަރު ސެޕްޓެމްބަރ 9 ވަނަ ދުވަހު، ލާމު ގަމުން ގޯތި ދޫކުރުމާއި ގުޅޭގޮތުން ހުރި މަޢުލުމާތާއި ކިޔާލު ހޯދުމަށް ބޭނުންވާ ކަމަށް ބުނެ ލޭންޑު އެންޑު ސާރވޭ އޮތޯރިޓީން ބައްދަލުވުމެއް ގަމު ޔޫތު ޗެނޓަރުގައި އިންތިޒާމު ކުރެއްވިޔެވެ. ގަޑިއެއްކަމުގައި ހަމަ ޖެއްސެވީ އެރޭ 8.30 އެވެ. ގަޑިއަށް ރައްޔިތުން ނިކުމެ އެތަނުގައި އަނގަނަގައިގެން އެތައްއިރަކު ތިބެވެސް ބޮޑުންގެ ޓީމުން މީހަކު ދައްކައި ނުލާއިގެން ބައިމަސް ބަޔަށްވަދެ ގެއްލޭހެން ބަޔަކަށް ފަހު ބަޔަކު ގޮސް އެކަންވެސް ނިމިގެން ދިޔަޔީއެވެ. ގަމު ރައްޔިތުން އަދިވެސް ވިސްނާކަށް ނުވޭތޯއެވެ.

ދުވަސް ވަރަކީ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ދުވަސްވަރެކެވެ ވެރިކަމުގައި އޮތީ ޕީޕީއެމްގެ ސަރުކާރެކެވެ. ގަމު ކައުންސިލުގައި މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. ޔާމީނުވެރިކަމުގެ ފަހު ނޭވާލެވެނީއެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 13 ވަނަ ދުވަހެވެ. މަރުވާން ކައިރިވާހެން ހީވީމާ ޝަހާދަތް ކިޔާއުސޫލުން ވެރިކަމުގެ ދިފާޢުގައި ރައްޔިތުން ގެ ތާޢީދު ހޯދުމަށް ގަމުން 400 ގޯއްޗައް އެދި ހުށައެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލެވުނެވެ. ނަމަވެސް މިފަހަރު ސަރުކާރުން މިކަން ހަވާލު ކުރީ ކައުންސިލު ޢީދާރާއަކާ ނޫނެވެ. ކައުންސިލަކީ އެންމްޑީޕީ މެޖޯރިޓީއެއް އޮތްތަނަކަށް ވުމުގެ އިތުރުނސް އިސްވެ މިދެންނެވިގެން ކައުންސިލުގެ ދޯދިޔާކަމާ ހުންނަ ފަރުވާ ކުޑކަމުގެ ގެ ސަބަބުން މިކަން ހަވާލު ކުރެވުނީ ލ. ގަމުގައި ޤާއިމްވެފައިވާ ޕަބްލިކް ވޯކްސް ސަރވިސަސްއާއެވެ. ކައުންސިލުގެ ބޭރުން ކުރެވޭ ކަމަކަށް ވަތީ އާއި ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މިފަހަރުވެސް ގަމު ކައުންސިލުން މިކަން ވިޔަކަ ނުދިނެވެ. އެނގޭ ހެއްޔެވެ ޖެއްސުން ތިޔަކުރެވެނީ ރައްޔިތުންނަށެވެ. އޮޅުވާތިޔަ ލެވެނީވެސް ރައްޔިތުންނަށެވެ.


ކައުންސިލުމެންބަރު ސުނިލް ހިއްސާކޮށްފައިވާ ޕޯސްޓެއް

ދެންއޮތީ އެންމެ ފަހުގެ އަދާހަމައެވެ. ކުރިއަށް އޮތީ މަޖިލިސް އިންތީޚާބެވެ. ކެނޑިޑޭޓުން ރައްޔިތުންގެ ގައިގައި އެލިއެލިފައި ދަމާދުވަސްވަރެވެ. ކުރިއަށް އޮތް އިންތީޚާބުގައި ގަމުދާޢިރާއިން ނުކުންނަ އެންމެން އަދި ފެންމަތި ނުވިއެއްކަމަކު އެންމްޑީޕީން ނިކުންނަ ކަނެޑިޑޭޓު މިވަނީ ޔަޤީންވެފައެވެ. އޭގެ އިތުރުން ގަމުދާއިރާއަށް ޝަޢުގުވެރިކަން ފާޅުކުރަމުން ކެންޕެއިނުގައި އުޅުއްވާތީ ފެންނަނީ އަންހެން ބޭފުޅެކެވެ. ކޮންމެއަކަސް މިކަމަނާ މިވަނީ ގަމު ރައްޔިތުން އެންމެ ބޭނުންވަނީ ކޮންކަމެއްކަން ހޯދާފައެވެ. ކުރިން މަޤާމުތަކަށް އިންތީޚާބުވި އެންމެހާ ބޭފުޅުންވެސް ގެންގުޅުއްވި އުކުޅުތައް މިކަމަނާވެސް މިވަނީ ފަހިކޮށްފައެވެ. އެގޮތުން ގަމުރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާއިދިނުމާއި ބެހޭގޮތުން އެންމެ ފަހުން ވަޢުދުމިވީ މިކަމަނާއެވެ. އެއްޗެކޭ ބުނާކަށްނެތީމެވެ. ފާއިތުވެ ތިޔަ 20 އަހަރުގެ މާޒީ ވަރަށް ސާފެވެ.


ނަހުލާ ފޭސްބުކުގައި ހިއްސާކޮށްފައިވާ ޕޯސްޓެއް

ހައްދުންމަތީ ރައްޔިތުންގެ ހިތުގެ ވިންދު އަހާނީ ކާކު ބާވައެވެ. ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާނީ ކާކުބާވައެވެ. ގަމު ރައްޔިތުންގެ ކެއްތެރިކަން ފެނިއްޖެއެވެ. ރައްޔިތުންގެ ގެ ވޯޓުން އައްޔަން ކުރެވިފައި ތިބި ގަމު ކައުންސިލުގެ އެންމެހާ ކައުންސިލަރުންނަށް ގަމު ރައްޔިތުންގެ ހައްޤުގައި އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާއިއެކު ދަންނަވަމެވެ. ވީހާވެސް އަވަހަށް ގަމުރައްޔިތުންނަށް ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާށެވެ. ޝައްކެއްނެތެވެ. ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސްއެކެވެ. ކައުންސިލުތަކަށް ކައުންސިލުގެ ބާރުތައް އިއާދަވާނެކަމަށް އީބު ޞާލިޙުވަނީ ވަޢުދުވެލައްވާފައި ނޫން ތޯއެވެ.

٥٢٧ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page