top of page
  • صورة الكاتبMiro

ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން


ކަޅާއިދޫ ރަށުތެރެ- ތަސްވީރު 2019 މިރޯ

ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ރަސްކަމާއި ހަވާލުވެލެއްވި ފަހުންނެވެ. ދިވެހި ތާރީޚުން ކަޅައިދޫގެ ވާހަކަ ފުރަތަމަ އައިސްފައިވަނީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކޮއްކޯފުޅު އައްނާއިބު ޙުސައިން އަފީފުއްދީން ނިޔައުވި ވާހަކައިގެ ތެރެއިންނެވެ. އަފީފުއްދީން ނިޔައުވީ 1159 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 07 ވީ ބުދަ ވިލޭރޭ ފަތިހުގެ ވަގުތެއްގައެވެ. މީލާދީގޮތުން މިތާރީޚަކީ، 30 މާރޗް 1736 އެވެ. ކަޅައިދޫ ޝައިޚް ޙަސަން ކަލޭގެފާނަކީ ޙުސައިން އަފީފުއްދީނުގެ ދަރިވަރެކެވެ.


ޣިޔާޘުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރު ކަޅައިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއްކަން ބެލެވެންއެބަ އޮތެވެ. އެހެނީ، "އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމުގައި މާލޭގައި ހިނގި ސިޔާސީ މައްސަލަގަނޑަކާއި ގުޅިގެން ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބަފާ “ޙުސައިން ދޮށިމޭނާކިލެގެފާނުންގެ ފުތް މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިއެވެ. މީނާ ކަޅައިދުވަށް ފޮނުއްވައިލެއްވި އޮޑިމަތީގައި އެއޮޑި ފުރައިގެންދަނިކޮށް މާލެއިން އެމަނިކުފާނުގޮވައިގެން ދާން ފޮނުއްވި ޢަސްކަރަކާއި ދެކޮޅުވެގެން އެމީހާ ބަންނަވައިފިޔެވެ. އަދި އެއޮޑިޔާއިގެން ރާއްޖޭން ނިކުމެގެންދާންވެސް ދިމާކުރެއްވިޔޭ..އެކަމަކު އެކަންތައް އެހެނަކުން ނުވެވުނޭ..ދެން ފަހެ އެމީހާޔާއި ޞުލްޙަވެ..އެމީހާ މޮހައިލެއްވިޔޭ..ދެން އެޔަށްފަހު އެއޮޑިޔައިގެން ގޮސް ހައްދުންމަތީ ކަޅައިދުވަށް އޭނާ ބާލައިފައި މާލެއިން އޭނާ ގެންގޮސްލާން ފޮނުއްވިމީހާ މާލެ އައިސް އެކަންތައް ވީގޮތުގެ ވާހަކަ ދެންނެވީމާއި އަނެއްކާ ޢަސްކަރުންކުރެން ގަދަފަދަ ތިން މީހުން މާލެއިން ފޮނުއްވަވައި އެ މުޙައްމަދު މަނިކުފާނު ވަރަށް ތަޅައިފައި ކަޅައިދޫގައި ބެހެއްޓެވިޔޭ..ދެން މިޔަށްފަހު އަހަރެއްހައި ދުވަހުން މިމުޙައްމަދު މަނިކުފާނު މާލެ ގެންނެވީއެވެ." (ދިވެހި ތާރީޚް، 1993). ކަޅާއިދޫއަކީ އެދުވަސްވަރު ފަޅުރަށެއްނަމަ މުޙައްމަދު މަނިކުފާނުފަދަ ބޭފުޅަކު ފޮނުވާނުލައްވާނެ ނޫންތޯއެވެ. ޣިޔާޘުއްދީން ރަދުން ރަސްކަން ފެށިގެން އައީ 2 ރަމަޟާން 1180ހ. ގައި ދޮންބަންޑާރައިން ފަސްދާނަށް ވަޑައިގަތުމުންނެވެ. މީލާދީގޮތުން މިއީ 1 ފެބުރުއަރީ 1767 އެވެ. ލަފާކުރެވޭގޮތުގައި މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިފައިވާނީ 1769މ. އިން 1771މ. އާއި ދެމެދުގައެވެ.


ހައްދުންމަތީ ކަޅާއިދޫ އާބާދުވުމާއި ބެހޭގޮތުން ޒަމާނުންސުރެ ދެކެވެމުން އަންނަ އެންމެ މަޝްހޫރު އެއްވާހަކަ އަކީ އެއަތޮޅު ބަރެސްދޫ ފަޅުވާން ދިމާވި ހާދިސާއާއި ގުޅިގެން ދެކެވޭ ވާހަކައެކެވެ. ބަރެއްދޫ މާލޫދު ހަރުގެމަތިން ގޮވާލި ބޮޑު ހާލުގެ ވާހަކައެވެ. މިވާހަކަ އަކީ މިއަދާހަމައަށް އައިއިރުވެސް މަސްދަރު ބަދަލު ވުމެއްނެތި ދެކެވެމުން އަންނަވާހަކައެވެ. ބައެއް މީހުން ކިޔާއިދެ ގޮތް ފަހަރުގައި ކުޑަކޮށް ތަފާތުވެދާނެއެވެ.


މިކަން ހިގާދިޔަކަމަށް ކިޔައި އުޅެނީ މިހެންނެވެ.


މާލޫދެއް ކެއްކުމައްޓަކާއި ބަރެއްދޫގައި އުޅުނު މީހުން މަޝަވަރާތަކެއް ކޮށްފޫއެވެ. ދެންފަހު ބޮޑުން ދަންނަވާއިފޫއެވެ. ހަރުގެ އަޅަންވާނީ ދުނބުރި ދާޖަހައިގެންނެވެ. ދުނބުރި ދަލަކީ ދުނބުރި ގަހުގެ ޅަދަނޑި ބޭނުންކޮށްގެ ގޮޅިހެދޭގޮތައް ދާގަނޑެއްހެން ހަދާފައި ހުންނަ ބިއްގަނޑެކެވެ. އާންމުކޮށް ހަދާފައި ހުންނަ މާލޫދު ހަރުގެތަކާއި ޚިލާފަށް މިހަރުގޭގައި ވަދެނުކުމެވޭ ގޮތަށް ބަހައްޓާފައި ހުރީ އެންމެ ދޮރެކެވެ. އާންމުކޮށް ހަދާ މާލޫދު ހަރުގެ ތަކުގައި ދެފަރާދު ދެ ދޮރުވާހެން ޖުމުލަ ހަތަރު ދޮރު ހުންނާނެއެވެ.

ކޮންމެއަކަސް މާލޫދު ކައްކައިފިއެވެ. ބަރެސްދޫގައި އުޅުނު އެންމެން ތިބީ ކެއުމަށް ހަރުގެ ތެރެއަށް ޖަމާވެފައެވެ. ކެއުން ކުރިއަށް ދަނިކޮށް ހާލެއް އައިސް ހަރުގެމަތީގައި ޖައްސައިފިއެވެ. އެއަށްފަހު ހަރުގެ މަތީގައި އިނދެ ގޮވަން ފަށައިފިއެވެ. ހުއްޓުމެއްނެތި މިހާ ގޮވާއަޑަށް ހަރުގޭ ތެރޭގައި ހުރި ކޭންމަތުރާ މީހާ ބުނެފޫއެވެ. " ތެއްތާ ހުރެ ނުގޮވާ ކަންނާ ކާން އުމާށޭ" ( ތިޔަތާނގާ ހުރެ ނުގޮވާ ކަންޏާ ކާން އަންނާށެވެ. ) މިހެން ބުނުމާއެކު މި ހައު އައިސް ދޮރުމަތީގައި ޖެހިއްޖެއެވެ. އެއަށްފަހު ހަރުގެތެރެއަށްވަދެ މީހުން ކާންފަށައިފޫއެވެ. އެތެރޭގައި ހުރި މީހެއްގެ އަތުގައި އެވަގުތު ވަޅިއެއް އޮތްކަމުގައި ވެއެވެ. ކޮންމެއަކަސް މިމީހާ ހަރުގޭގެ އެތެރޭ ބިތުން ބާގަނޑެއް ހަދާ މީހުންތައް އެތަނުން ނެރެފިއެވެ. އެއަށްފަހު މިބައި މީހުން ބަރެސްދޫ ދޫކޮށް ކަޅާއިދޫއަށް ހިޖުރަކުރީއެވެ.

٥٨٢ مشاهدة٠ تعليق

תגובות


bottom of page