top of page
  • صورة الكاتبMiro

މިރުހުގެ އަގުބޮޑުވެގެން ކުޑަދޫ ނިކުންނާކަށް ނުޖެހެއެވެ.



އެއް ރުފިޔާއަށް ވުރެ ދެ ރުފިޔާ އަގު ބޮޑުކަން ޚުދު އަހަރެން ވެސް ދަންނަމެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަންވެސް އެނގެއެވެ. މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅެމުންދާ ރަށްތަކާއި، ފަޅުރަށްތަކުން ލިބޭ ހުރިހާ މަންފާއެއްް ފުރަމާލެއަށް ބަނޑުން ކުރަމުން ގެންދަނީ މިއަދަކު ނޫނެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުން ފުރަމާލެ އަށް ގެނެސް މާލެ ތޮއްޖެއްސީ މިއަދަކު ނޫނެވެ. އެންމެ ކުރިންފެށިގެން ވެސް މާލޭ ސަރުކާރުން ހިންގަމުން ގެންދާ މި ސިޔާސަތުގެ ނޭދެވޭ އަސަރު ކުރާތާ ކިތަންމެ ދުވަހެކެވެ.


މަސްތިލަ އިއްޔާ ހުސްބުޅި އުކިޔަސް ގަންނާނެއެވެ. މާލޭގައި ވެސް މީހުން ތޮއްޖެހިފައި އެވަނީ މިފަދަ ގޮތެކެވެ. ކޮންމެ އަގެއްގައި ކޮންމެ އެއްޗެއް ވިއްކިޔަސް ގަންނަ މީހުންގެ ކިޔު ހަދާލައެވެ. ޝަކުވާއެއް ނުކުރެއެވެ. ނުވިކިގެން އުޅޭކަށް ވެސް ނުޖެހެއެވެ. މާލޭގައި ކަންކަން ހުންނަނީ ކިހިނެއްކަން ކިރިޔާވެސް އެނގޭ މީހަކު މިކަން ދޮގެއް ނުކުރާނެއެވެ.


ބާޒާރުން ނޫޑްލުސް ކޭހެއް 120 ރުފިޔާއަށް ލިބޭއިރު ދިވެހިންނަށް ޚާއްސަ ރެސްޓޯރެންޓް ތަކުން އެއް ޕެކެޓް ނޫޑްލުސް 75 ރުފިޔާ އަށް ވިއްކާއިރު އަގުބޮޑުވެގެން އުޅުނީ ކާކުހެއްޔެވެ؟ އެންމެ 05 ރުފިޔާއަށް ހަނޑޫ ކިލޯއެއް ލިބޭއިރު، ފްރައިޑް ރައިސްއެއް 65 ރުފިޔާއަށް ވިއްކާއިރު ޝަކުވާކުރީ ކާކު ހެއްޔެވެ؟ ޑިމާންޑެއް ވެސް ނުގެއްލެއެވެ. މީހުން ވެސް މަދެއް ނުވެއެވެ. ނުލިބެނީ ޖާގައެކެވެ. އެއިންތަނަކުން ގޮނޑިއެއް ލިބޭނީ ކިޔު ޖެހިގެންނެވެ. މިއީ އަންމުކޮށް ދިވެހިން ކައިއުޅޭ ދެބާވަތުގެ ކާނާގެ އަގުހުރިގޮތެވެ.


ދެންބަލަމާ ބަހީ! 10 ފޫޓް 8 ފޫޓް ހަމަ ނުވާވަރު ކޮޓަރިއެއް 10,000ރުފިޔާ މަހު ކުއްޔަށް ދޭއިރު ދެ މަހުގެ އެޑްވާންސް ނަގާނެއެވެ. ތަނުގައި ހަތަރުފާރު ނޫން އެހެން އެއްޗެއް ނުހުންނާނެއެވެ. ޝަކުވާ ކުރަނީ ކާކުހެއްޔެވެ؟ މިއީ އެންމެ ކުޑައަގެވެ. މިވަރުތަނެއް ލިބޭ ކަމަށްވަނީ ނަޞީބު ވެރިއަކަށެވެ. މާލެ އަރައިފައިބާ މެހެމާނުން ތިބެން ހުންނަ ދުވަހު ކުއްޔަށް ދޭ ކޮޓަރިތައް ދެކުނީމު ތޯއެވެ. ސާފުތާހިރު ކަމަށް ލޯބި ކުރާ މީހަކަށް އެއިންތަނަކަށް ވަދެ ނިދާ ފެންވަރާ ހަދަން ނުކެރޭނެއެވެ. ދުވާލަކަށް 500 ރުފިޔާ ދީގެން މި ކޮޓަރިތަކުގައި ތިބޭ އިރު ފެން ފޮދެއްވެސް ލިބޭނީ ގަނެގެނެވެ. ޝަކުވާ ކުރަނީ ކާކުހެއްޔެވެ؟


ރެއާއި ދުވާލު ހަތަރު ފަސް ކޮފީއަށް އަރާ ހަމަ އެކަނި ކޮފީ ބޯލަން 300 ރުފިޔާ ޚަރަދު ކުރަން ޖެހެލުންވަނީ މާލޭގައި އުޅޭ ކާކުހެއްޔެވެ؟ ކޮފީ ޝޮޕްތައް އަބަދު ހުންނާނީ ފުރިފައެވެ. 70 ރުފިޔާއަށް ސިނގިރޭޓް ފޮށްޓެއް ގަންނަން ޖެހިގެން އަގުބޮޑުވެގެން އެކަން ހުއްޓާލީ ކާކުހެއްޔެވެ؟


ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްގެ ރައްޔިތުން ގުދާރު ބިންދައިގެން ހެއްދި މިރުސްކޮޅު، މާލޭގައި މީހުންގިނަވެ އޭގެ ޑިމާންޑް ބޮޑުވެ އަގު އުފުލުމުން، ކުޑަދޫ ނިކުމެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ގޮވާލުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ. އަގުބޮޑުވީ މިރުސް އެކަނިހެއްޔެވެ. ކަނޑޫދޫ މިރުސް ކެއުން ހުއްޓާލުމަށް ގޮވާ އިހްތިޖާޖު ކުރުމަށްވުރެ ކުލި ބޮޑުވެގެން އިހްތިޖާޖު ކުރުންމާ ރަނގަޅެވެ. ކަނޑޫދޫ މިރުސް ކެއުން ހުއްޓާލަން ބުނުމަށް ވުރެ ކުލި ނުދައްކާނަމޭ ބުނެ ފޮށިތަންމަތި ހިފައިގެން ރަށަށް ދިޔައިއްޔާ މާ ތާހިރު ވާނެއެވެ.

٦ مشاهدات٠ تعليق

أحدث منشورات

عرض الكل

Comments


bottom of page