top of page
  • صورة الكاتبMiro

ގަހެއްގެ ހިޔަލުގައި


އަލިފާންފަދަ އިރުން ދޭ ހޫނު އަވިން ކެއްނުވާވަރުވެ ބޯފިހިއްޖެއެވެ. ހިޔަލެއް ފެނޭތޯ ވަށައިގެން ބަލާލީމެވެ. އެހިނދު ނަޒަރު ގޮސް ހުއްޓުނީ މާދުރު ނޫން ހިސާބެއްގައި ހުރި ބޮޑު ނިކަގަހަށެވެ. ގަސްދޮށުގައި އިށީންދެ އިނދެ ހިތާއި ސިކުނޑި ފިނިކުރަމުން ދިޔައީ ބުނެދޭން ނޭނގޭފަދަ އަރާމު ވައި ރޯޅިތަކެއްގެ އެހީގައެވެ. އެހައިވެސް ތާޒާ ރީތި ފިނި ވައިރޯޅި ގަސް ދޮށުގައި ޖެހިލަޖެހިލައި ހުއްޓެވެ.


ލިބުނު ހޫނުން މިންޖުވެވި ސިކުނޑި ތާޒާވުމާއި އެކު އަހަރެންނަށް ކުރުވާން ފެށީ މުޅިން އެހެން އިޙުސާސްއެކެވެ. ވިސްނެންފެށީ މުޅިން އެހެން ވިސްނުމެކެެވެ. ހީވީ އެހެން މީހެއްގެ މުދަލެއް ހުއްދަނެތި ބޭނުން ކުރެވުނު ހެންނެވެ. މި ލިބިގަތް ޚިދުމަތުގެ އަގު އަދާ ކުރާނީ ކިހިނެއް ހެއްޔެވެ. ކާކަށް ނުވަތަ ކޮންތާކަށް ހެއްޔެެވެ. ބޭނުން ޖެހިފައިވާ މީހަކަށް ފުއްދައި ދިނުމަކީ ބަދަލުގައި އަގެއް އޮންނަކަމެކެެވެ. ނަމަވެސް ބައެއް ކަންތައްތަކަކީ އެކަމުގެ އަޖުުރު މާތްﷲ ދެއްވާ ކަންކަމެވެ. މި ގަސް އިންދި މިހާ ދުނިޔޭގައި ނެތިވެސް އޭނާ އެކޮށްދެނީ ހާދަބޮޑު ޚިދުމަތެކެވެ. އެހާމެ ބޮޑު ހެޔޮކަމެެކެވެ.އޭނާ އިންދި ގަހުން އޭނާއަށް ހިޔާ ނުލިބުނަސް މާތްﷲ ޖަންނަތުން އޭނާއަށް ހިޔަލެއް ދެއްވާށިއެވެ. ހިތާހިތުން މިފަދައިން ދުޢާ ކޮށްލެވުނެވެ.


ކޮންމެ މީހަކީވެސް މިފަދަ ދިރިގެންވާ ހެޔޮ ކަމެއް ކޮށްދޭނެ މީހެއް ކަމުގައި ވަމާހެއްޔެވެ. ދުނިޔޭގައި ނެތް ދުވަހަކުންވެސް ހެޔޮ ދުޢާ ލިބޭނެއެވެ. ހެޔޮކަމަކީ އޭގެ ޒާތުން ކިތަންމެ ކުޑަަކަމެއް ކަމުގައި ހީވި ނަމަވެސް ކެނޑިގެން ނުދާފަދަ ޘަވާބައި ދަރުމަ ލިިބިލިބި ހުންނާނެ ކަމެއްކަން ޔަޤީނެވެ. ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ.

١١ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page