top of page
  • صورة الكاتبMiro

ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އިޙްތިރާމު ކުރައްވާށެވެ.


ޚީޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އިޙްތިރާމު ނުކުރުމެވެ. އެންމެންގެ ވިސްނުން އެއްގޮތް ނުވާނެއެވެ. ވާކަށް ނުވެސް ޖެހޭމެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުމަކީ ފިކުރީ އަޅުވެތި ކަމުން އިންސާނާ ސަލާމަތްވާން ލިބޭ ފުރުޞަތެކެވެ. ނަމަވެސް އެމިނިވަންކަމުގެ ދަށުން މީހަކު ފާޅުކުރާ އޭނާގެ އަމިއްލަ ޚިޔާލަށް އިޙްތިރާމް ނުކުރުމަކީ މިނިވަން ކަމެއް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ތިމާގެ އަމިއްލަ ޚިޔާލު ފާޅުކުރުމައި އެކު އަނެކާގެ ޚިޔާލަށް އިޙްތިރާމް ކުރުމެވެ.


ތިބާ ވިސްނާ ގަބޫލުކުރާ ގޮތްނޫން ގޮތަކަށް މީހަކު ބަހެއް ބުނެފި ނަމަ ނުވަތަ ލިޔެފިނަމަ، އެކަންވަނީ މަޖާ ކަމަކަށެވެ. ބުނީ ނުވަތަ ލިޔުނީ ކީކޭކަމައި މެދު ވިސްނާލާނެ ޖާގައެއް ވެސް ނުދީ، ތިބާގެ ބުއްދި ވަގުތުން ހިތަށް ރައްދު ފޮނުވާލަދެއެވެ. އެހިނދު ތިބާގެ ދޫ އަވަސްވެގަންނަނީ މީސްތަކުންގެ މެދުގައި އޭނާ ނުބައިމީސްކޮށް ރައްދުދިނުމަށެވެ. މިއާ ޚިލާފަށް ތިބާގެ ޚީޔާލައި މީހަކު އެއްގޮތް ވެއްޖެ ނަމަ އެމީހަކަށް ތަޢުރީފު ކުރުމުގައި ތިބާ ދެމި ހުރެއެވެ. ހެޔޮ ނުބައި ދެނެގަންނާނީ މީހުންގެ ސިކުނޑިއަކުން ނޫނެވެ.


ފަހަރުގައި ވިސްނައިފިނަމަ ތިބާ ވިސްނަމުން އައިގޮތް ގޯސްކަމުގައި ވެސް ވެދާނެއެވެ. އެފަދަ ވަގުތުތަކުގައި ތިބާއާއި އެއް ވިސްނުމެއްގައި ތިބި މީހުން ތިބާއަކީ، ދެކޮޅަށް އެނބުރޭ މީހެއް ކަމުގައިވެސް ބުނެފާނެތެވެ. ނޫނެކެވެ. އެއީ ދެކޮޅަށް އެނބުރުުމެއް ނޫނެވެ. އިޙްލާސްތެރި ނުވުމެއްވެސް ނޫނެވެ.

އިޙްލާސްތެރި ކަމަކީ އަބަދު އެއްގޮތެއްގައި ގޮތްދޫނުކޮށް ހުންނަ ހުރުމެއް ނޫނެވެ. ގޯސްކަން އެނގޭ ހިނދު އެގޮތް ދޫކޮށް ރަނގަޅު ގޮތް އިޚްތިޔާރު ކުރުމެވެ.

މި ލިޔުންކޮޅަކީވެސް ޚިޔާލުފާޅުކުރުމައި ބެހޭގޮތުން އަޅުގަނޑު ފާޅުކުރާ ޚިޔާލެކެވެ. އަޅުގަނޑު ދެކޭ ގޮތެވެ. މި ޚިޔާލައި ޚިޔާލުތަފާތު މީހަކު ނުވަތަ އަޅުގަނޑުދެކެ ރުޅިއަންނަ މީހަކަށް ކުރިން މިދެންނެވިހެން މި ޚިޔާލު ގޯސްވެދާނެއެވެ. ބަސްބުނުމުގެ ކުރިން ވިސްނާށެވެ. ވިސްނާފައި ނޫނީ ދުުލުން ލަފުޒެއް ނިކުތަ ނުދޭށެވެ. ފަހަރުގައި ތިބާ ގެ ފިކުރާތަކީ ގޯހަކަށް ވެސް ވެދާނެއެވެ. ނުވަތަ ގޯހީ އަހަރެންގެ ޚިޔާލުކަމުގައި ވެސް ވެދާނެއެވެ. އެހެންނަމަވެސް އިޙްތިރާމް ކުރައްވާށެވެ.


٨ مشاهدات٠ تعليق

أحدث منشورات

عرض الكل

Comentários


bottom of page