top of page
  • صورة الكاتبMiro

ފައިސާނެގުނީ ކޮމިއުނިކޭޝަން އެރަރ އަކުން


ޔޫތު ސެންޓަރ ޖިމް / ތަސްވީރު ފޭސްބުކު

ހައްދުންމަތީ ގަމު ތުނޑީ އަލަށް އާބާދުވި ސަރަހައްދުގައި، ޒުވާނުންގެ މަރުކަޒެއް އިމާރާތް ކުރެވުނުތާ ގާތްގަނޑަކަށް ބާރަ އަހަރު މިވަނީ ވެފައެވެ. މިހާދުވަސް ވީ އިރުވެސް ބަލައިގަނެވޭ ފަދަ ޚިދުމަތެއް ނުވަތަ ޒުވާނުންނަށް ބޭނުންތެރި ކަމެއް މިމަރުކަޒަކުން ފޯރުކޮށް ދެވިފައެއް ނުވެއެވެ. ބޭނުމެއް ނުކޮށް މިހެން ބެހެއްޓުމުގެ ސަބަބުންނާއި އަޅާލަންތިބި ބައެއްގެ އިހުމާލުން ކަމުގައިވީ ނަމަވެސް އަޅާނުލެވި ހުރުމުގެ ސަބަބުން މިއިމާރާތް ފަނާވެ ވީރާނާވާން ކައިރިވެފައި ވަނިކޮށް، ހުސްވި އަހަރު ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ގިނަބަޔަކު ސިހުންވެގެން ދިޔައީ ރަށުފެންވަރުގައި ޖިމެއް މިމަރުކަޒުގައި ހުޅުވުމާއި ގުޅިގެންނެވެ. އެއާއެކު ފެނިގެންދިޔައީ މިކަމަށް ބޮޑުތަރުޚީބެއް ލިބިގެން ދިޔަތަނެވެ. ނޫކަށިފުރައިގެ ޒުވާނުންނާއި، ހަރުމީހުނާއި އަދި އޭގެ އިތުރުން ކަނބަލުންވެސް މިޖިމުގެ ޚިދުމަތަށް އަވަސްވެގަތެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ފޯމު ހުށަހެޅުން ނިންމާލުމަށްފަހު ހުސްވި ޑިސެމްބަރ މަހު ޖިމުގެ ޚިދުމަތްތައްފެށިގެން ދިޔައެވެ. ޖިމްގެ މެމްބަރަކަށް ވެވެނީ 18 އަރުންމަތީގެ ބެފުޅުންނަށެވެ. ފޯމު ބަލައިގަންނަނީ -/50 ރ ގެ ފީއަކާއި އެކުއެވެ. އަދި މަހު ފީ އަކީ /-250 ރ އެވެ. ޑިސެމްބަރ މަހުގައި ޖިމްގެ ޚިދުމަތް ހޯދިކަމަށް މަޢުލޫމާތު ލިބެނީ 52 ދެމީހުނެވެ. ނަމަވެސް މިހާރު އެއަދަދު 76 ކައް އަރައެވެ.


ކެޔޮކޭވަރު އެނގޭނީ ބިތުފަނގި ނެގީމަ ނޫން ތޯ އެވެ. ހުސްވި ހަފުތާގެ ތެރޭގައި ކުޅިވަރާއި ބެހޭ ވަޒީރު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ގަމު ޒުވާނުންގެ މަރުކަޒަށް ޒިޔާރަތް ކުރައްވާ އެތަނުގެ ފަންގި ނަގާ ބައްލަވާލެއްވިއެވެ. ކެޔޮ ކައިފަ ހުރިވަރު އެނގުނީ ދެންތާއެވެ. ޔޫތު މިސްޓްރީގެ ދަށުން ހިންގަމުން އަންނަ ގަމު ޔޫތު ސެންޓަރުގެ ޖިމް ހިންގުމަށް އެއްވެސް ފައިސާއެއް ނަގާ ގޮތަށް ނިންމާފައި ނުވާނެ ކަމަށާއި އެގޮތައް އެކަންކޮށްފައި ވާނަމަ އެއީ ގޯހެއްކަމުގައި ވަޒީރު ވިދާޅުވިއެވެ. އެހާ ހިސާބުން ގިނަބަޔެއްގެ ފާޑު ކިޔުންތައް މިވަނީ ޔޫތު ސެންޓަރާ ހަވާލުވެ މިވަގުތު ހުރި އައިންތުއަށް ކުރި މަތިވެފައެވެ. ވާނީވެސް މިހެންނެވެ. ކިހާ ޒިންމާރުކަން ކުޑަ އަމަލެއް ތޯއެވެ.




ފައިސާ ނަގާފައިވަނީ ކާކު ބުނެގެން ތޯ ސުވާލު ކުރުމުން އެދެވޭ ޖަވާބެއް އައިންތުގެ ފަރާތުން ޖިމް މެންބަރުންނަށް ލިބިފައެއް ނުވެއެވެ. " ފައިސާ ނެގިފައިވަނީ ކޮމިއުނިކޭޝަން އެރަރ އަކުން " ކަމަށް ޖިމް ވައިބާ ގްރޫޕް ތެރޭގައި އައިންތު ބުނެފައިވެއެވެ. އޭގެ އިތުން މިކަމަކީ ޢިދާރީ ގޮތުން އެރި އޮޅުމެއް ކަމަށާއި ރަށު ޖިމުތަކުން ފީ ނުނަގާކަން އެނގުނީ ޖެހުއަރީ މަހުގައި ކަމަށެވެ. އެހާ ހިސާބުން އެކަން ރަނގަޅު ކުރުމަށް ލިޔުމުންނާއި ފޯނު މެދުވެރިކޮށް ކުރިއަށް ގެންގޮސްފައި ވާނެކަމަށެވެ. އަދި ފީގެ ގޮތުގައި ނެގި ލާރި އަށް އެއްވެސް އުނިކަމެއް އައިސްފައި ނުވާނެ ކަމަށާއި ފައިސާ ހުރި ގޮތަށް ހުންނާނެ ކަމުގައި ވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ހުރިހާއި ކަމެއްގެ ޒިންމާ ނަގާނެ ކަމަށައި މިވަގުތު ހުރީ ޖަޕާނުގައި ކަމުން މިމަހު 30 ވަނަ ދުވަހު އާދެވުނުހާ އަވަހަކަށް މައްސަލަ ހައްލުކުރާނެ ކަމުގައި ޖިމް ވައިބާ ގްރޫޕްގައި އައިންތު ބުނެފައިވެއެވެ.


" އައި ވާކް ވެރީ ހާޑް ފޯ ދަ ޖިމް. އެހެންވެ ފީ ނެގީވެސް، ހަމަ ކޮންމެ ކޮންމެ މީހަކު އަންނަ ތަނަކަށް ނުހެދުމަށް އެކަމު އެގޮތަށް އެކަން ކުރެވެން ނެތީ "

އައިންތުގެ މި ބަސްކޮޅުން އަޅުގަނޑަށް ވަރަށް ތަފާތު މާނަ އެއް ދޭހަވެއެވެ. ޅެންމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާ ބީދައިން މި ބަސްކޮޅުގެ މާނަ އައިންތިގެ ބަނޑުގައިވެސް އޮވެދާނެއެވެ. އަޅުގަނޑަށް ދޭހަވަނީ މިހެންނެވެ. " އަހަރެން ޖިމާއި ހަވާލުވެ ހުރި ހުރުމުގައި ޖިމް ކުރިއެރުވުމަށާއި ހިންގުމަށް އަހަރެން ވަރަށް ބުރަކޮށް މަސަތްކަށް ކުރީމެވެ. ފައިސާ ނަގަން ޖެހުނީވެސް މިސަބަބާ ހުރެއެވެ. އަދި ކޮންމެ ކޮންމެ މީހަކު އައިސް ބޭނުން ކުރެވޭނެ ތަނަކަށް ނުހެދުމުގެ ގޮތުންނެވެ. ނަމަވެސް ވަޒީރު މި ފަންގި ހިއްލާ ލުމުގެ ސަބަބުން މިކަން މިގޮތަށް، އިތުރަށް ކުރިއަށް ގެނދެވެން ދެންނެތީއެވެ. " މިއީ އަޅުގަނޑަށް މިބަސްކޮޅު މޭރުންވާ ގޮތެވެ.


ކޮންމެ ކޮންމެ މީހަކަށް ޖިމް ބޭނުން ނުކުރެވޭން ވީ ކީއްވެހެއްޔެވެ. ވަކި ބައެއްގެ ހައްޤަކީ ތޯއެވެ. ނުވަތަ ތަފާތު ކުރުމެއް ގެންގުޅެނީ ތޯއެވެ. ކިތަންމެ ބުރަކޮށް މަސަތްކައް ކުރި ކަމުގައި ވީނަމަވެސް އަދި އަމިއްލަ ގޮތުން ކިތަންމެ ބަޔަކު އެދުނު ކަމުގައި ވީނަމަވެސް ސަރުކާރުގެ މުއައްސަސާއަކުން ކަމެއް ހިންގާރޭވެން ޖެހޭނީ ހެދިފައި އޮންނަ ޢުސޫލުގެ ދަށުންނެވެ. އަމިއްލަ އަށް ފެންނަހާ ހިނދަކު ފައިސާ ނެގުމާ ބޭނުން ބަޔަކަށް ޚިދުމަތް ދިނުމަކީ ކުރެވިގެން ވާނެކަމެއް ނޫނެވެ. ޖިމުން ނެގި ފައިސާއިން ކޮންމެވެސް ވަރެއް ކައުންސިލު ޢިދާރާއިގާ ހުރިކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަނަމަވެސް އެކަން ކަށަވަރުވެފައެއް ނުވެއެވެ. ކައުންސިލުން މަޢުލޫމާތު ލިބުނު ގޮތުގައި ޔޫތުސެންޓަރުގެ ނަމުގައި ކައުންސިލުގައި ހުރި ފައިސާއަކީ ވަކި ކޮން ފައިސާއެއްކަން ބުނަން ނޭނގޭކަމަށެވެ. އަދި ޔޫތުސެންޓަރަކީ ކައުންސިލުގެ ދަށުން ހިނގަމުން އަންނަ ތަނެއް ނޫންކަމުގައެވެ.


ދެންއޮތީ މަހުފީ ބަލައިގެންފައި ޔޫތުސެންޓަރުގެ ޖިމުން ދޭ ރަޝީދުގެ ވާހަކައެވެ. ރަޝީދު ނުވަތަ ރިސީޕްޓްގައި ފައިސާ ހަވާލުވާ މިހާގެ ނަމެއް ނީނނެދެއެވެ. އަދި އޭގެ އިތުރުން ޕެއިޑް ސީލް ޖެހިފައެއްވެސް ނުހުރެއެވެ. އެހެންނަމަވެސް ސޮއެއް ކުރެވިފައި އިނދެއެވެ. ސޮއިގައި ލިޔެވިފައި އިންނަނީ 'އައިންތު' މިހެންނެވެ. މީގެ އިތުރުން މި ރިސިޕްޓް ފޮތް ތަކަކީ އައިންތު ކޮންތާކުން ހޯދައިގެން ގެންގުޅޭ އެއްޗެއް ކަމެއްވެސް އެނގޭކަށް ނެތެވެ. ހަމަ ގައިމުވެސް އެނގޭ ކަމަކީ މި ފޮތްތަކަކީ ކޮންމެވެސް ބިދޭސީ ކުންފުންޔަކުން ގެންގުޅުނު ބިލު ފޮތްތަކެއް ކަމެވެ. ބަލާބެލުމަށް މިފޮތްތަށް ވަށްތަރީ ޖަޕާނު ކުންފުންޔެއްގެ ބިލު ފޮތްތަކަކާއެވެ. މި ބިލުފޮތްތައް ދިވެހި ރާއްޖޭގެ ސަރުކާރު މުޢައްސަސާއެއްގެ ބެލުމުގެ ދަށުގައިވާ މަރުކަޒެއްގެ ރަޝީދު ފޮތްތަކަކަށް ހަދާގެން ބޭނުން ކުރީއެވެ. ކިހާ ޒިންމާ ދާރުކަން ކުޑަ ޢަމަލެއް ތޯއެވެ. ވީމާ މިކަން ހިނގާ މިދިޔައީ ނޭނގި އޮޅުމަކުން ކަމަށް ހަމަ ސިކުނޑިއަކަށް ވިސްނަން އުނދަގޫވާނެއެވެ. މިކަން އަޅުގަނޑު ހަމަގައިމުވެސް ކުއްވެރި ކުރަމެވެ. ކޮރަޕްޝަނާއި ފަސާދައިން އެއްކިބާ ވެގެން ނޫނީ އިސްލާހު ނުވާހުއްޓެވެ. އަދި މިފަދަ ކަންކަން ބަލާ ފިޔަވަޅު އަޅަން ޖެހެއެވެ. ޒިންމާދާރުކަން ކުޑަވުމާއި، މަޤާމުގެ ނުފޫޒު ބޭނުން ކުރުމާއި، ޚިޔާނާތާއި، އަދި ވައްކަމަށް ނޫނެކޭ ބުނަން ޖެހެއެވެ. އިސްލާޙު ވާނީ އިސްލާޙު ކޮށްގެންނެވެ.

١٬١٦٧ مشاهدة٠ تعليق

أحدث منشورات

عرض الكل

Comments


bottom of page